ވިޔަފާރި

ބޮޑުދާ ޖަހައިގެން ކުރާ މަސްވެރިކަން ހުއްޓުވުމަށް ރާއްޖެއިން ނިކުންނަނީ


މިއަހަރުގެ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން، އައި.އޯޓީ.ސީގެ ބައްދަލުވުމުގައި ރާއްޖެއިން ވަކާލާތުކުރާނީ އިންޑިއާ ކަނޑުގައި ބޮޑުދާ ޖަހައިގެން ކުރާ މަސްވެރިކަން ކޮންޓްރޯލްކުރުމަށާއި ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކުގެ ހައްޤުތައް ރައްކާތެރިކުރުމާއި ގުޅޭގޮތުންކަމަށް ފިޝަރީސް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން، އައި.އޯޓީ.ސީއަކީ 1996 ވަނަ އަހަރު ދުނިޔޭގެ ކާނާއާއި ކަނޑުތަކާއި ބެހޭ ޖަމުޢިއްޔާ އަދި އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރަމުން އަންނަ ޤައުމުތަކުން އިސްނަގައިގެން އުފެއްދި ޖަމުޢިއްޔާއެކެވެ.

ޖޫން 17 އިން 21 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ހައިދްރާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ އައި.އޯޓީ.ސީގެ ބައްދަލުވުމުގައި އިންޑިއާ ކަނޑުގައި ކަނޑުމަހުގެ މަސްވެރިކަންކުރާ ޤައުމުތަކުން މަސްވެރިކަންކުރާ މިންތަކާއި، އިންތައް ކަނޑައަޅައި އެ ޤައުމުތަކުން އައި.އޯޓީ.ސީގެ ޤަވައިދުތައް ތަންފީޒުކުރާ މިންވަރު ބަލާނެއެވެ. މީގެ އިތުރުން، މަސްވެރިކަން ހިންގުން ހަރުދަނާކުރުމަށާއި އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކުގެ ސްޓޮކް ރަނގަޅުކުރުމަށް އަޅާ ފިޔަވަޅުތައް ބަޔާންކޮށް ޤަރާރުތަކެއް ފާސްކުރާނެއެވެ.

މިއަހަރުގެ ބައްދަލުވުމަށް އެކި ޤައުމުތަކުން 19 ޤަރާރެއް ފާސްކޮށްފައިވާއިރު މި ބައްދަލުވުމުގައި ފާސްކުރާ ޤަރާރުތަކަށް މެމްބަރު ޤައުމުތަކުން ޢަމަލު ކުރަންޖެހޭކަމަށް ފިޝަރީސް މިނިސްޓްރީން ބުނެއެވެ.

މިއަހަރުގެ އައިއޯޓީސީގެ އަހަރީ ބައްދަލުވުމަށް ރާއްޖެއިން ހުށަހަޅަން ހަމަޖެހިފައިވަނީ އިންޑިއާ ކަނޑުގައި ބޮޑުދާ ޖަހައިގެން ކުރާ މަސްވެރިކަން ކޮންޓްރޯލްކުރުމާއި ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކުގެ ހައްޤުތައް ރައްކާތެރިކުރުމާއި ގުޅޭގޮތުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އަދި މުސްތަޤްބަލުގައި ރާއްޖޭގެ އަތުނަނު އަދި ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާއި ދަތިތައް ކުޑަކުރުމާއި ބެހޭގޮތުންވެސް ވަކާލާތު ކުރެވިގެންދާނެކަމަށްވެސް ފިޝަރީސް މިނިސްޓްރީން ބުނެއެވެ.

މިއަހަރުގެ އައިއޯޓީސީ ބައްދަލުވުމަށް އެންމެ މުހިއްމު ޤަރާރެއްގެ ގޮތުން ހުށަހަޅާނީ އިންޑިއާ ކަނޑުގައި ރީނދޫއުރަހަ ކަންނެލީގެ ސްޓޮކް އާދަޔާ ޚިލާފަށް ދަށްވެފައިވާ މައްސަލައާމެދު ރިޢާޔަތްކޮށް ހުށަހަޅާފައިވާ ޤަރާރެވެ. މިއަހަރުގެ ބައްދަލުވުމުގައި ރީނދޫއުރަހަ ކަންނެލީގެ ސްޓޮކްގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތަކާއި ކުރެވޭނެ މަސައްކަތްތަކާއި ބެހޭގޮތުން ފުޅާދައިރާގައި މަޝްވަރާކުރެވޭނެއެވެ.

އަންނަ ހޯމަ ދުވަހު އިންޑިއާގައި ބާއްވާ މި ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓްރީގެ މާހިރުންގެ ޓީމަކާއި ރާއްޖޭގައި މަހުގެ ޕްރޮޑަކްޓްތައް އުފެއްދުމުގައި ޙަރަކާތްތެރިވާ ކުންފުނިތަކުގެ އޮފިޝަލުން ހިމެނޭ ވަފުދެއް ބައިވެރިވާނެއެވެ.

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން، އައިއޯޓީސީގެ މެންބަރަކަށް ދިވެހިރާއްޖެ ވެފައިވަނީ 2011 ވަނަ އަހަރުގައެވެ.

ދިވެހިރާއްޖެ ހިމެނޭގޮތަށް މި ޖަމުޢިއްޔާގައި 32 ޤައުމު އެކުލެވޭއިރު ރާއްޖެއަކީ އިންޑިއާ ކަނޑުގައި ދެވަނައަށް އެންމެ ގިނައިން ކަޅުބިލަމަހާއި ރީނދޫ އުރަހަ ކަންނެލި ހިފާ މެމްބަރު ޤައުމެވެ.