ޚަބަރު

ބީއެމްއެލްއިން "ސޭވް ދަ ބީޗް"އަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފި


ރާއްޖޭގެ ގޮނޑުދޮށްތައް ސާފުކޮށް ބެހެއްޓުމަށްޓަކައި މަސައްކަތްކުރާ ހާއްސަ ޖަމުޢިއްޔާއެއްކަމުގައިވާ، "ސޭވް ދަ ބީޗް"އަށް ބީއެމްއެލްގެ ފަރާތުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ބީއެމްއެލްގެ ފަރާތުން މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ބީއެމްއެލްގެ މުވައްޒަފުން ކުރިއަށްގެންދިޔަ "ޓްރޭޝް ޓެގް ޗެލެންޖް އެމްވީ" ކެމްޕެއިންގެ ތެރެއިންނެވެ.

ވިލިމާލޭގައި ބޭއްވި ކުޑަ ހަފްލާއެއްގައި ޓްރޭޝް ޓެގް ޗެލެންޖްގައި ބައިވެރިވި ބީއެމްއެލް މުވައްޒަފުންގެ ނަމުގައި ސޭވް ދަ ބީޗް އަށް ވަނީ 30،000 ރުފިޔާ ހަވާލުކޮށްފައެވެ.

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ މިފަދަ ޖަމުޢިއްޔާއަކަށް ބީއެމްއެލްގެ ނަމުގައި އެހީތެރިކަން ފޯރުކޮށްދެވުމަކީ ބެންކަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ.

"ތިމާވެށީގެ ދުވަހާ ގުޅުވައިގެން ކުރިޔަށް ގެންދިޔަ މި ޗެލެންޖަށް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު. ސާފުކުރުމުގެ ކުރިން އަދި ސާފުކުރުމުގެ ފަހުން ނަގާފައިވާ ފޮޓޯތައް ރާއްޖޭގެ އެކި ކަންކޮޅު ތަކުން ސޯޝަލް މީޑިއާގައި ޝެއާކުރެވުން މަންޒަރު ފެނިގެން ދިޔައީ. މިއަދު އަޅުގަނޑުމެން ފޯރުކޮށްދޭ އެހީތެރިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށްޓަށް ފައިދާކުރުވަނިވި ހަރަކާތްތަކެއް ހިންގުމަށް ދެވޭ އެހީތެރިކަމެއް" މުހައްމަދު ސައީދު، މެނޭޖަރ ޕަބްލިކް ރިލޭޝަންސް ވިދާޅުވިއެވެ.

ރާއްޖޭގެ އެކިކަންކޮޅު ތަކުގައި މަސައްކަތްކުރާ ބީއެމްއެލް ގެ މުވައްޒަފުންނާއި، މިދިޔަ އީދު ބަންދަށް އަތޮޅު ތެރެއަށް ދަތުރު ކުރި މުވައްޒަފުން އިސްނަގައިގެން ފެށި ޓްރޭޝް ޓެގް ޗެލެންޖް އެމްވީ ކެމްޕެއިންގެ ތެރެއިން އެކި ރަށްރަށުގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ ކުނި ނަގައި އެ ސަރަހައްދުތަކަށް ރީތިކަން ވަނީ ގެނެސްދީފައެވެ. އަދި ސާފު ކުރުމުގެ ކުރިން އަދި އެއަށް ފަހު ނަގާފައިވާ ފޮޓޯތައް #TrashTagMV ހިމަނައިގެން ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްފައެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓުންވެސް ވަނީ ބީއެމްއެލްއިން ކުރިއަށްގެންދިޔަ ހަރަކާތް އެންޑޯސްކޮށް، އެކަމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ގޮވާލާފައެވެ.