ކުޅިވަރު

އަންހެން ބެޑްމިންޓަން ކުޅުންތެރިން ތަމްރީނުކުރުމުގެ ކޯހެއް އައްޑޫގައި ނިންމާލައިފި

އައްހެނުންނަށް ހާއްސަ ކޮށްގެން އައްޑޫގައި ބެޑްމިންޓަން ކުޅުންތެރިން ތަމްރީނުގެ ކުރުމުގެ ކޯހެއް ނިންމާލައިފިއެވެ.

އައްޑޫގައި ބެޑްމިންޓަން ކުޅުންތެރިން ތަމްރީނު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމީއްޔާއެއް ކަމަށްވާ ޓްރިޑީ ސްޕޯޓްސް އެކަޑަމީން ކުރިއަށް ގެންދިޔަ މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ރޯދަމަސް ތެރޭގައެވެ. މިއީ އަންހެނުންނަށް ހާއްސަކޮށްގެން ބެޑްމިންޓަން ކުޅުންތެރިން ތަމްރީން ކުރުމަށް އެ ޖަމިއްޔާއިން ހިންގި ފުރަތަމަ ކޯސްއެވެ.
މި ކޯސް އިންތިޒާމު ކުރި ޓްރިޑީ ސްޕޯޓްސް އިން ބުނެފައިވަނީ މިފަދަ ކޯހެއްގެ ހިންގުމުގެ މަޤްސަދަކީ އައްޑޫގައި އަންހެން ބެޑްމިންޓަން ކުޅުންތެރިން އިތުރުކޮށް ބެޑްމިންޓަން ފަދަ ހެލިފެލިވެ އުޅޭ ކުޅިވަރެއް އަނިޔާތަކާއި ނުލާ ރަނގަޅަށް ކުޅެން ދަސް ކޮށް ދިނުން ކަމުގައެވެ. އަދި މިފަދަ ކޯހެއްގެ ސަބަބުން ކުޅިވަރުގެ ދައިރާގައި ޙާއްސަކޮށް، ބެޑްމިންޓަން ތެރޭގައި އަންހެނުން ބާރުވެރިވުމުގެ ފުރުސަތު އިތުރުވެގެން ދާ ކަމުގައެވެ.

މިދިޔަ ރޯދަމަހު 8 އިން 18 އަށް އައްޑޫ ހޮރައިޒަން އެކަޑަމީގައި ކުރިއަށް ގެންދެވުނު މިކޯހުގައި ގާތްގަނޑަކަށް 12 ވަރަކަށް ކުޅުންތެރިން ތަމްރީނު ކުރެވުނު ކަމަށް އެފަރާތުން ބުނޭ. ބޭސިކް ލެވެލް 1 ގެ މިކޯހުގެ ކޯޓުތެރޭ ކުޅުންތެރިން ހަރަކާތްތެރިވާނެ ގޮތާއި ބެޑްމިންޓަން ކުޅުމުގެ އަސާސީ ޤަވާއިދު ތަކާއި މީގެ އިތުރުން ކުޅުންތެރިން ކުޅުމުގައި ފަރުވާ ބެހެއްޓުން މުހިއް ކަންކަން ވަނީ އުނގަންނައި ދީފައެވެ. ކޯސް ނިންމާލާފައިވަނީ ބައިވެރިންގެ މެދުގައި ކުޑަ މުބާރާތެއް ބޭއްވިގެންނެވެ. ޑަބަލްސް މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މުބާރާތުގެ އެއްވަނަ ހޯދީ ދިވްޔާ ބާބޫ އަދި އާއިޝަތު ޒުލްފާއެވެ.

ދާދި ފަހުން އުފެދުނު ޓްރިޑީ ސްޕޯޓްސް އަކީ އައްޑޫގައި ބެޑްމިންޓަން ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރާ ޖަމީއްޔާއެވެ. އެގޮތުން މިހާރުވެސް މި ޖަމީއްޔާގެ ބެޑްމިންޓަން ބޭސިކް ލެވެލް 1 ގެ ކޯހުގައި 50 ދަރިވަރުން އަދި އެޑްވާންސް ކޯހުގައި 15 މީހުން ބައިވެރިވިއެވެ.