ޚަބަރު

ފަނޑިޔާރު ޢަބްދުﷲ ދީދީގެ ސަސްޕެންޝަން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި


ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ އާމެދު ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ވަގުތީ ޢަމުރުގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ގެ ސުލޫކީ މައްސަލައެއްގެ މިމަހުގެ ދެވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ އިތުރުން ޢާންމު ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ހުށައަޅާފައިވާ މައްސަލައެއްކަމަށް ފަނޑިޔާރު އަބްދުﷲ ދީދީ ސްޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅާފައިވާކަމަށެވެ.

އަދި ޖޭއެސްސީ އަށް ރައީސް ނަޝީދު ހުށައެޅި މައްސަލައަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ޤަރާރުކޮށްފައިވާ ދުސްތޫރީ މަޞްދަރުތަކާއި އުޞޫލުތަކުގެ ބޭރުން ޣައިރު ދުސްތޫރީ އިޖުރާއަތުތަކެއްގެ ދަށުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި، އަދި އެ މައްސަލައަކީ އެ ހުށަހަޅާފައިވާ ގޮތަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ބަލައިގަނެ، އެކޮމިޝަނުން ބަލައި، އޭގެ މައްޗަށް ގޮތް ނިންމައި، ފިޔަވަޅު އެޅޭނެ މައްސަލައެއް ނޫންކަމުގައި ކަނޑައަޅައި ދިނުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެކޯޓުގައި އެދިވަޑައިގެންފައިވާކަމަށެވެ.

މީގެއިތުރުން އިއްޔެ ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރު ޢަބްދުﷲ ދީދީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކުންނާއި ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމަށާއި، އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި، ފަނޑިޔާރު އަބްދުﷲ ދީދީ ހުށައަޅުއްވާފައިވާ ދުސްތޫރީ މައްސަލަ ބަލައިގަތުމަށް ސުޕްރީމް ކޯޓުން ނިންމާފައިވާކަމަށްވެސް މިއަމުރުގައި ވިދާޅުވެފައިވެއެވެ.

މިއާއެކު މިމައްސަލަ އާމެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށާއި އަދި ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާ ކަމަށާއި، މައްސަލަ ހުށަހެޅި ފަރާތުން މިމައްސަލާގައި ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ މައްޗަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އަށާއި، މިބާވަތުގެ މައްސަލަތަކުގައި ވަގުތީ އަމުރު ނެރުމުގައި ޢަމަލުކުރަންޖެހޭ ދުސްތޫރީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކުގެ މައްޗަށާއި، މިމައްސަލާގެ ބާވަތަށް ބަލައި ވިސްނުމަށްފަހު، ޤާނޫނުއަސާސީގެ 43 ވަނަ މާއްދާ އާއި 68 ވަނަ މާއްދާ އާއި 51 ވަނަ މާއްދާ އާއި 33 ވަނަ މާއްދާ އާއި ޤާނޫނުއަސާސީ އާއި ޤާނޫނުތަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދީފައިވާ ޤާނޫނީ ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ މައްޗަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) އާއި 144 ވަނަ މާއްދާ އާއި 145 ވަނަ މާއްދާގެ (ނ) ގެ މައްޗަށް ރިޢާޔަތްކޮށް، މިމައްސަލާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ 12 ޖޫން 2019 ވަނަ ދުވަހުން ފެށިގެން ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމަށާއި، އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިއްޔެ ނިންމި ނިންމުން ތަންފީޛުކުރުން ފަސްކުރުމަށް ވަނީ އަމުރުކުރައްވާފައެވެ.

އެހެންކަމުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅިފައިވާ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައާ ގުޅިގެން އެއްވެސް އިޖުރާއަތެއް އެއްވެސް ސިފައެއްގައި އެ ކޮމިޝަނުން ކުރިއަށް ނުގެންދިއުމަށް ސުޕްރީމް ކޯޓުންވަނީ މިވަގުތީ އަމުރުގައި އަންގަވާފައެވެ. އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އެ ނިންމުމާ ގުޅިގެން ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ އާމެދު އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނާއި، ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ އަންގައި އަމުރު ކޮށްފައެވެ.