ކުޅިވަރު

ޑެނިއަލް ޖޭމްސް މެންޗެސްޓާ ޔުނައިޓެޑާއި ގުޅިއްޖެ


ވޭލްސްގެ ޒުވާން މިޑްފިލްޑާރ ޑެނިއަލް ޖޭމްސް މެންޗެސްޓާ ޔުނައިޓެޑާއި ގުޅިއްޖެއެވެ.

އުމުރުން އެކާވީސް އަހަރުގެ ޑެނިއަލް ޖޭމްސް ޔުނައިޓެޑާއި ގުޅުނީ ފަސް އަހަރު ދުވަހެއްގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ޔުނައިޓެޑަށް ސޮއެކުރުމަށްފަހު ޑޭނިއަލް ޖޭމްސް ބުނީ، މެންޗެސްޓާ ޔުނައިޓެޑަށް ކުޅުމަކީ ޒުވާން ކޮންމެ ފުޓުބޯޅަ ކުޅުންތެރިއަކުވެސް ބޭނުންވާނެ ކަމެއް ކަމަށާއި، މިއީ އޭނާވެސް ކުޑައިރުންސުރެ އުއްމީދު ކުރަމުން އައި ކަމެއް ކަމަށެވެ.

ޑެނިއަލް ޖޭމްސް ބުނީ ޔުނައިޓެޑަކީ ބޮޑު ކުލަބެއް ކަމަށާއި، ޔުނައިޓެޑުގެ ސަޕޯޓަރުން އުފާކޮށްދޭން އޭނާ ކެތްމަދުވެފައި ހުރިކަމަށެވެ.

އޭނާ ބުނީ ޕްރެމިއާ ލީގަކީ މިހާރު ދުނިޔޭގެ އެންމެ ވަރުގަދަ ލީގު ކަމަށާއި، ޕްރެމިއާ ލީގުގައި ކުޅުން ވެގެންދާނީ ކެރިއަރުގައި މިހާތަނަށް ކުރިމަތިލާ އެންމެ ބޮޑު އިމްތިހާނަށް ކަމަށެވެ.

އިނގިރޭސި ކްލަބް ސްވޯންސީއިން ޔުނައިޓެޑަށް ބަދަލުވި ޑޭނިއަލް ޖޭމްސް ވަނީ ފާއިތުވި ސީޒަންގައި އެޓީމަށް ކުޅުނު ތިރީސް އަށް މެޗުން ފަސް ގޯލު ކާމިޔާބުކޮށްދީފާއެވެ.

ޑެނިއަލް ޖޭމްސްއަކީ ޔުނައިޓެޑުގެ ކޯޗް އޮލެ ގުނަ ސޮލްޝެއާ ޓީމާއި ހަވާލުވިފަހުން ގެނައި ފުރަތަމަ ކުޅުންތެރިޔާކަން ފާހަގަ ކޮށްލެވެއެވެ.