ކުޅިވަރު

މާޒިޔާއިން ސައުދީ އަރަބިއްޔާގައި ކުރިއަށް ގެންދިޔަ ޓްރެއިނިންގް ކޭމްޕް ނިންމާލައިފި


މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ސައުދީ އަރަބިއްޔާގެ ޖިއްދާގައި ކުރިއަށް ގެންދިޔަ ޕްރީ ސީޒަން ޓްރެއިނިންގް ކޭމްޕް ނިންމާލައިފިއެވެ.

އެފްއޭއެމުން ތަނަވަސް ކޮށްދިން މި ފުރުސަތުގެ ބޭނުން ހިފައި މާޒިޔާއިން ކުރިއަށް ގެންދިޔަ ފަނަރަ ދުވަހުގެ ޓްރެއިނިންގް ކޭމްޕް ނިންމާލަމުން، މާޒިޔާގެ ރަސްމީ ފޭސްބުކް ޕޭޖުގައި އާންމުކުރި ވީޑިއޯއެއްގައި ކޯޗް މަރްޖާން ސެކުލޯސްކީ ބުނީ، ޓްރެއިނިންގް ކޭންމްޕް ވަރަށް ކާމިޔާބު ކަމަށާއި ކުޅުންތެރިންވެސް ތިބީ ވަރަށް ފޯމުގައި ކަމަށެވެ.

ސެކުލޯސްކީ ބުނީ ޓްރެއިނިން ކޭމްޕް ކުރިއަށް ގެންދިޔައީ ވަރަށް ފުރިހަމަ ވަސީލަތް ތަކަކާއި އެކުގައި ކަމަށާއި، އެހެންކަމުން ޓީމާއިމެދު ކުރާ އިތުބާރު ބޮޑުވެއްޖެ ކަމަށެވެ.

މާޒިޔާއިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި އެޓީމު ކުޅުނު އެކުވެރިކަމުގެ ދެމެޗުވެސް ވަނީކާމިޔާބުކޮށްފައެވެ.

އެކުވެރި ކަމުގެ ފުރަތަމަ މެޗުގައި އެޓީމް ވާދަކުރީ ޖިއްދާ ކުލަބާއި ދެކޮޅަށެވެ. އެމެޗު މާޒިޔާއިން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ.

ދެވަނަ މެޗުގައި އަޒުއްރީ އެފްސީގެ މައްޗަށް މާޒިޔާއިން ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. ހުކުރު ދުވަހުގެރޭ ދިވެހި ލީގުގެ ކުޅުން ފަށާއިރު މާޒިޔާއިން ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހު ނިކުންނާއި ކްލަބް ގްރީން ސްޓްރީޓްސް އާއި ދެކޮޅަށެވެ.