ތަޢުލީމު

ބޭރަށް ކިޔަވަންދާ ފަރާތްތައް ރަޖިސްޓްރީކުރުމަށް އިލްތިމާސްކޮށްފި


ސަރުކާރުގެ އެހީގަޔާއި އަމިއްލަ ގޮތުންނާއި އަދި އެނޫންވެސް ގޮތް ގޮތުން މަތީ ތައުލީމް ޙާސިލްކުރުމަށް ރާއްޖެއިން ބޭރަށް ދާ ފަރާތްތަކުން ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގައި ރަޖިސްޓްރީކުރަން އެ ޑިޕާރޓްމަންޓުން އެދިވަޑައިގެންފިއެވެ.އެޑިޕާރޓްމަންޓުން އާންމުކޮށްފައިވާ އި އިޢުލާނެއްގައި ބުނެފައިވަނީ، " ސަރުކާރުގެ އޮފީސް ތަކުންނާއި، ސަރުކާރުގެ ޙިއްސާވާ ކުންފުނިތަކުންނާއި، މިނިވަން މުއައްސަސާތަކުންނާއި، އަމިއްލަ މުއައްސަސާތަކުން އަދި އަމިއްލަ ގޮތުން މަތީ ތައުލީމާއި ތަމްރީނު ޙާސިލްކުރުމަށް ރާއްޖެއިން ބޭރަށްދާ ފަރާތްކުން ރަޖިސްޓްރީކުރަން ހުޅުވާލީ، ރާއްޖެއިން ބޭރުގައި ތައުލީމް ޙާސިލްކުރަން ތިބޭ އެކިއެކި ދަރިވަރުންނަށް މަދުން ނަމަވެސް ދިމާވާ ކުއްލި ޙާލަތްތަކާއި ގުޅިގެން ސަރުކާރުގެ ކަމާގުޅޭ އޮފީސްތަކުންނާއި އަމިއްލަ ފަރާތްތަކުން އެ ދަރިވަރުންނާއި ބެހޭ މަޢުލޫމާތު ހޯދުމަށާއި އެ ދަރިވަރުންނާއި ގުޅޭ އެކިއެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ދިމާވަމުންދާ ދަތިތައް ޙައްލުކުރުމުގެ ގޮތުން " ކަމަށެވެ. އަދި ރާއްޖޭގެ އެކި ސިނާއަތަށް ބޭނުންވާ މައުލޫމާތު ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކުގައި ރަޖިސްޓްރީ ކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށާއި އެއްކުރެވޭ މަޢުލޫމާތުތަކަކީ ރައްކާތެރިކަމާއެކު ބެލެހެއްޓޭ ރަސްމީ ބޭނުންތަކަށް އެކަނި ބޭނުންކުރެވޭ ޢާންމު ނުކުރެވޭނެ މަޢުލޫމާތުތަކެއް ކަމަށް ޑީޕީއީއިން މަޢުލޫމާތު ދެއެވެ. މީގެ އިތުރުން މަތީ ތަޢުލީމްގެ ފެންވަރު ހިފެހެއްޓުމަށާއި ފަންނީ، އިޤްތިސާދީ، އިޖުތިމާއީ އަދި މާލީ ގޮތުން ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ހެދޭ އެކިއެކި ދިރާސާތަކާއި ޕްލޭންތައް ކުރުމަށް މި މަޢުލޫމާތަކީ ބޭނުންތެރި މަޢުލޫމާތެއް ކަމަށް ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަން އިން ބުނެއެވެ.