އެއަރޕޯޓުގައި އަލިފާން ނިއްވާ އުޅަނދަށް ދިމާވި މައްސަލައަކާ ގުޅިގެން ގދ. ކާޑެއްދޫ އެއަރޕޯޓުގެ އޮޕަރޭޝަންތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ. 
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ކާޑެއްދޫ އެއަރޕޯޓު ހިންގަމުންދާ ރީޖަނަލް އެއަރޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަޤީލް ވިދާޅުވީ، އެއަރޕޯޓުގެ އޮޕަރޭޝަން މެދުކަނޑާލީ ކާޑެއްދޫ އެއަރޕޯޓުގެ ފަޔަރ ޓްރަކުގެ ވޯޓަރ ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައިކަމަށެވެ. ނަމަވެސް މިކަމުގެ ސަބަބުން ކާޑެއްދޫއަށް ދަތުރުކުރުމަށް ޝެޑިއުލްކޮށްފައިވާ އެއްވެސް ފްލައިޓެއް ކެންސަލްކޮށްފައިނުވާކަމަށް ސާމީ ވިދާޅުވިއެވެ. 
ސާމީ އަޤީލް ވިދާޅުވީ، ކާޑެއްދޫއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓްތައް ގއ. ކޫއްޑޫއަށް މިހާރު އޮޕަރޭޓްކުރަމުންދާކަމަށެވެ.  އަދި ގއ. އިން ގދ. އާއިދެމެދު ދަތުރުކުރާ ފަސިންޖަރުންނަށް ލޯންޗު މެދުވެރިކޮށް ދަތުރުކުރެވޭނެ މަގުފަހިކޮށްދީފައިވާކަމަށާއި، އެ ދެމެދު ދަތުރުކުރާ ގެސްޓުންނަށް އެބަޔަކު ބުކްކޮށްފައިވާ ރިސޯޓަކުން ދަތުރުފަތުރުގެ ކަންކަން ހަމަޖައްސައި ދެމުންދާކަމަށްވެސް ސާމީ ވިދާޅުވިއެވެ. 
ގދ. ކާޑެއްދޫ އެއަރޕޯޓުގެ އޮޕަރޭޝަންތައް ވަގުތީގޮތުން މެދުކަނޑާލާފައިވާއިރު، ފަރަޔ ޓްރަކަށް ދިމާވި މައްސަލަ ހައްލުކުރުމަށް މިހާރު މަސައްކަތް ކުރަމުންދާކަމަށާއި، އެ މައްސަލަ ހައްލުކުރެވުނުހާ އަވަހަކަށް ކާޑެއްދޫ އެއަރޕޯޓު ފްލައިޓް އޮޕަރޭޝަންތަކަށް ހުޅުވާލާނެކަމަށް ރީޖަނަލް އެއަރޕޯޓްސްއިން މަޢުލޫމާތުދެއެވެ. 
ކާޑެއްދޫ އެއަރޕޯޓުގެ އޮޕަރޭޝަންތައް ހުއްޓާލާފައިވާއިރު، ކާޑެއްދޫއަށް ދަތުރުތައް ބާއްވަނީ ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން އެކަންޏެވެ.