ތިމާވެށި

އިޤްތިޞާދީ ތަރައްޤީއަށް ތިމާވެއްޓާ ރަށްޓެހިގޮތްތައް ޚިޔާރުކުރަންޖެހޭ - އެންވަޔަރަމަންޓް މިނިސްޓަރ


އިޤްތިޞާދީ ތަރައްޤީއަށް ތިމާވެއްޓާއި ރައްޓެހިގޮތްތައް މިހާރަށްވުރެ ބޮޑަށް އިޙްތިޔާރުކުރަންޖެހޭކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

އެންވަޔަރަމަންޓް މިނިސްޓަރ މިހެން ވިދާޅުވީ، ތައިލޭންޑްގެ ވެރިރަށް ބެންކޮކްގައި މިހާރު ކުރިއަށްދާ ފުރަތަމަ "އޭޝިއާ ޕެސިފިކް ރީޖަނަލް ހައި ލެވެލް ފޯރަމް އޮން ގްރީން އިކޮނޮމީ" ގައި ބައިވެރިވެވަޑައިގެން، ދެއްވި ތަޤުރީރުގައެވެ. މިނިސްޓަރގެ ތަޤުރީރުގައި ފެހި އިޤްތިޞާދީ ތަސައްވުރަކަށް ބަދަލުވުމަށް ދުނިޔޭގެ ޤައުމުތައް އަމާޒުހިފާފައިވާއިރު މުހިންމު 5 ކަމެއް ކުރުމަށް ލަފާދެއްވާފައިވެއެވެ. އެގޮތުން މިދާއިރާއަށް ހަރުދަނާ ސިޔާސަތުތަކެއް އެކަށައެޅުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އިޤްތިސާދީ ގޮތުން މިހާރު އަމަލުކުރަމުންދާ ސިޔާސަތުތަކީ ފެހި އިޤްތިސާދީ ހަރަކާތްތަކަށް އެއްބާރުލުންދޭ އަދި ތިމާވެއްޓާއި ރައްޓެހި އިޖާދުތަކަށް ފުރުސަތުދޭ ސިޔާސަތުތަކަކަށް ބަދަލުކުރަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވީ، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ނުފޯރާ އެއްވެސް ޤައުމެއް ނެތްކަމަށާއި، އެކަމުގެ އެންމެ ބޮޑު ބިރެއް އޮތީ ދިވެހިރާއްޖެފަދަ ޖަޒީރާ ޤައުމުތަކަށް ކަމަށެވެ. އެހެންކަމުން މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ހުރިހާ ޤައުމުތަކުން މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ޒިންމާދާރު މަސައްކަތްތަކެއް ކުރުމަކީ މުހިންމު ކަމެއް ކަމަށާއި، މި ދާއިރާއިން އިންސާނީ ވަސީލަތްތަކާއި މުވައްސަސާތައް ތަރައްޤީކުރަން ޖެހޭކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

އދ ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި ގުޅުވައިގެން ފެހި އިޤްތިސާދީ ތަސައްވުރަކަށް އަމާޒުހިފުމަށް ދުނިޔޭގެ ޤައުމުތައް ގުޅިގެން ބާއްވާ މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ޙަސަން ވިދާޅުވީ، ދިވެހިރާއްޖޭގެ އިޤްތިސާދަކީ ދެމެހެއްޓެނިވި އަދި ތިމާވެއްޓާއި ރައްޓެހި އިޤްތިސާދަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ސަރުކާރުން ބޮޑު އިސްކަމެއްދޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ޕީކް ލޯޑުގެ 70 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް މަސައްކަތްކުރަމުންދާކަމަށާއި، ޓޫރިޒަމް ދާއިރާއިން ނަގާ "ގްރީން ޓެކްސް"ގެ ފައިސާ ބޭނުންކުރަމުންދަނީ ތިމާވެށި ހިމާޔަތްކުރުމާއި ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢުތަކަށް ކަމަށެވެ.