ތަޢުލީމު

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ފަށައިފި


ސަރުކާރު ސްކޫލްތަކުގެ ހެނދުނުގެ ދަންފަޅީގައި ތަޢުލީމު ޙާސިލުކުރަމުންދާ ފަންސާސް ހަތްހާހަށްވުރެ ގިނަ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފަށައިފިއެވެ.

ސަރުކާރުގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމު ފަށްޓަވައިދެއްވީ ތާޖުއްދީން ސްކޫލުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ހެނދުނުގެ ނާސްތާ ޕްރޮގްރާމް ވަނީ ސަރުކާރުގެ 213 ސްކޫލްގައި ފަށާފައެވެ. އެހެންކަމުން މިހާރު ސަރުކާރު ސްކޫލް ތަކުގައި ހެނދުނުގެ ދަންފަޅީގައި ތަޢުލީމު ޙާސިލުކުރަމުންގެންދާ 57817 ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ކޮންމެ ދުވަހަކު ލިބޭނެއެވެ. މި ޕްރޮގްރާމަށް ސަރުކާރުން 123 މިލިއަން ރުފިޔާ ޚަރަދުކުރާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި ޕްރޮގްރާމްގެ ޕައިލެޓް ޕްރޮގްރާމްގައި 10 މެނޫ ހިމެނި ނަމަވެސް، މި ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފަށާފައިވަނީ 17 މެނޫއާއެކު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ނާސްތާ ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލެއްގައި ފެށުމުގުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މިއީ ސަރުކާރުގެ ވަރަށް މުހިއްމު ވަޢުދެއް ފުރިހަމަ ވެގެން ދާ ދުވަހެއްކަމަށެވެ. އަދި ރަނގަޅު ނަތީޖާއަކަށް ވާސިލުވުމަށް ދުޅަހެޔޮކަންމަތީ ހުރުން ކަށަވަރުކުރަން ޖެހޭކަމަށާއި އެކަން ކުރެވޭނީ ކޮންމެ ކުއްޖެއްގެ ދުވަސްވެސް ފެށިގެންދަނީ ދުޅަހެޔޮގޮތެއްގައިކަން ކަށަވަރުކުރެވިގެންކަމަށެވެ. ނައިބު ރައީސް ވިދާޅުވީ މިއީ ހަމައެކަނި ނާސްތާ ދިނުމަށް ކުރިއަށްގެންދާ ކަމެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި މިއީ ދިރިއުޅުމުގެ މައިދާނަށް ކުދިން ނުކުންނައިރު ދަސްކުރަންޖެހޭ ގިނަ ކަންތައްތަކެއް ދަސްވެގެންދާނެ ފަދަކަމެއްގެ ގޮތުގައި ދެކުން މުހިންމު ކަމަށެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢައިޝަތު ޢަލީ ވިދާޅުވީ މިޕްރޮގްރާމަކީ ރާއްޖެއަށް މުޅިން އާ ކޮންސެޕްޓަކަށްވާތީ ޕްރޮގްރާމް ކުރިއަށްދާގޮތް ވަޒަންކުރުމަށް ޕައިލެޓް ޕްރޮގްރާމެއް ފުރަތަމަޓާމުގައި ފަށާފައިވާއިރު މިޕްރޮގްރާމް ވަރަކަށް ކާމިޔާބުކަމަށެވެ. އެގޮތުން މިދިޔަ ޓާމުގެ ކުދިންގެ ސަމާލުކަން ފިލާވަޅުތަކަށް ދޭ މިންވަރު އިތުރުވެފައިވާކަމަށާއި އެސެމްބްލީގައި ހޭނެތިގެން ވެއްޓޭ ކުދިންގެ ޢަދަދު މަދުވެ ބޮލުގައި ރިއްސުންފަދަ ކަންކަން މެދުވެރިވެގެން ހެލްތު ރޫމަށް ގެންދަން ޖެހޭ ކުދިންގެ ޢަދަދުވެސް މަދުވެފައިވާކަމަށެވެ.

މިނިސްޓްރ ވަނީ މި ޕްރޮގްރާމް އަލަށް ފެށިގެންދާއިރު ބައެއް ދަތިތަކާއި ކުރިމަތިވެދާނެކަމަށް ބަލައި އެކަންކަމަށް ކެތްތެރިވެ ހިތްވަރާއެކު ކުރިއަށްދިޔުމަށް މިޕްރޮގްރާމް އަލަށް ފަށާ ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް އިލްތިމާސްކުރައްވާފައެވެ.

ނާސްތާ ޕްރޮގްރާމް ހުރިހާ ސްކޫލެއްގައި ފަށާފައިވާރު އިތުރު މެނޫތަކެއްވެސް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އެޑިއުކެޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މީގެ ޕައިލެޓް ޕްރޮގްރާމް ފުރަތަމަ ޓާމުގައި ފަށާފައިވަނީ ދައުލަތުގެ ބަޖެޓުން 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެންނެވެ. އެއީ ސަރުކާރުގެ 25 ސްކޫލެއްގައެވެ. އެންމެ ފުރަތަމަ ފެށި މި ޕްރޮގްރާމް ފުރަތަމަ ހިންގަން ފެށީ މާލޭގެ 3 ސްކޫލަކާއި ވިލިމާލޭގެ 1 ސްކޫލާއި ހުޅުމާލޭގެ ސްކޫލެއްގެ އިތުރުން ރާއްޖޭގެ ކޮންމެ އަތޮޅަކުން އެއް ސްކޫލްގައެވެ.