ޚަބަރު

މީ އެއް ބަގީޗާއެއްގައި ފޮޅިފައިވާ ދެ މާ - މޯދީ


ދިވެހިބަހަކީ 100 އިންސައްތަ ދިވެހިންގެ މިލްކެކެވެ. އެތަށް ޒަމާނެއްވީ ދިވެހި ބަހާއި އަކުރުތަކަކީ ކައިރި ޤައުމުތަކުގެ ރަހަތައްވެސް ހިމެނިގެން އުފެދުނު ބަހެއް ނަމަވެސް، "ދިވެހި ބަސް" ނިސްބަތްވަނީ ދިވެހިންނަށެވެ.

އިންޑިއާގެ މަލިކުފަދަ ބައެއް ސަރަޙައްދުތަކުގައި ދިވެހިން ވާހަކަދައްކާ ބަހުރުވަ އާއި ލިޔަން ބޭނުންކުރާ އަކުރުތައް ކޮންމެވެސް ސިފައެއްގައި ބޭނުންކުރިނަމަވެސް، ދިވެހި ބަހުން ވާހަކަދައްކާ އިތުރު އެހެން ޤައުމެއް ދުނިޔޭގައި ނެތެވެ.

ދިވެހި ބަހަކީ މުއްސަނދި ބަހަކަށްވާއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އެނޫންވެސް ބައެއް ފަރާތްތަކުން ދިވެހި ބަހަށްދޭ ޝައުޤުވެރިކަމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. "ހާލު ކިހިނެތް"، "ޝުކުރިއްޔާ" މިއީ ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކުން ކޮށިކޮށް ނަމަވެސް މަޖާ ރާގެއްގައި ކިޔާލާ ބަސްކޮޅެކެވެ.

ކޮންމެއަކަސް މި ދެތިންދުވަހު ދިވެހިން އެންމެ ބޮޑަށް އަޅައިގަތް އެއްކަމަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުތަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، އެމަނިކުފާނު ދިވެހި ބަހަށް ދެއްވި ސަމާލުކަމެވެ. ޝޯޝަލް މީޑިއާ މެދުވެރިކޮށް އާއްމުކުރި މެސެޖުތަކާއި، ޕޯޑީއަމްގައި ދެއްކެވި ވާހަކަފުޅުތަކެވެ.

މޯދި ރާއްޖެ ވަޑައިގަތުމަށްފަހު ލެޓިނުން އެންމެ ފުރަތަމަ ކުރެއްވި ޓްވީޓަކީ އެތައް ބައެއްގެ ސަމާލްކަން އެކަމަކަށް ލިބުނު ކަމެކެވެ. މި ޓްވީޓްގައި ބުނެފައިވަނީ "ދިވެހިރާއްޖެއަށް އާދެވިއްޖެކަމާއި، ދެވަނަ ދަޢުރުގެ ފުރަތަމަ ދަތުރު ރާއްޖެއަށް އައުން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ބަދަހި ގުޅުން ކަމަށެވެ. މި ޓްވީޓަކީ ދިވެހިންގެ ދިވެހި ވަންތަކަކަށް މޯދީ ދެއްވާ އިޙްތިރާމާއި، ދިވެހިންގެ ސަޤާފަތަށް ދެއްވާ އަޙަމިއްޔަތުކަން ފާހަގަވެގެންދިޔަ ހެއްކެކެވެ.

47.9 މިލިއަން މީހުން ފޮލޯކުރައްވާ މޯދީގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކުރެއްވި ޓްވީޓަށް އެތައް ބައެއްގެ ސަމާލުކަން ލިބުނެވެ. ދުނިޔޭގައިވެސް ފާހަގަވާ އެންމެ ނުފޫޒުގަދަ ލީޑަރުންގެ ތެރޭގައި ހިމެނޭ މޯދީގެ މި ޓްވީޓަށް ސަމާލުކަން ދިނީ ހަމައެކަނި ދިވެހިންނާއި، އިންޑިއާގެ ރައްޔިތުންނެއް ނޫނެވެ. މި ޓްވީޓްގައި ބުނަނީ ކީކޭކަން ދެނެގަތުމުގެ ޝަޢުގު ދުނިޔޭގެ އެތައް ހިސާބަކުން އެތައް ބަޔަކު ފާޅުކޮށްފައިވެއެވެ.

ޚާއްސަކޮށް ދިވެހިން މިކަން ވަރަށް ބޮޑަށް ފަހަގަކުރިއެވެ. އަދި މިއީ އިންޑިއާއަށް ދިވެހިން ކުރާ އިޙްތިރާމާއި ލޯބި އިތުރުވެގެންދިޔަ ކަމެއްކަމަށް ފާހަގަކޮށް، މިކަމަށް ގިނަބަޔަކު ތަޢުރީފުވެސް ކޮށްފައިވެއެވެ.

މީގެއިތުރުންވެސް ލެޓިންއިން އިތުރު 4 ޓްވީޓެއް މޯދީވަނީ ކޮށްފައެވެ. މި ޓްވީޓްތަކުގައި މޯދީ ދައްކާފައިވަނީ ރަޢީސާއިއެކު ކުރިއަށްގެންދިޔަ ބައްދަލުވުންތަކާއި، ކުރެވުނު މަޝްވަރާތަކުގެ ކާމިޔާބީގެ ވާހަކައާއި، އަދި އިތުރަށް މިގުޅުން ބަދަހިކުރުމުގެ ވާހަކައެވެ.

މޯދީގެ ދަތުރުފުޅުގައި މީހުން އެންމެ ބޮޑަށް އަޅައިގަތީ މޯދީ މަޖިލީހުގައި ދެއްވި ތަޤުރީރެވެ. މޯދީވެ މި ތަޤުރީރަކީ ޤައުމެއްގެ ވެރިއަކު ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ދެއްވި ދެވަނަ ތަޤްރީރެވެ. ހިންދީ ބަހުން ދެއްވި މި ތަޤްރީރުގައި އެންމެ ބޮޑަށް ފާހަގަވީ މޯދީ ދިވެހިބަހުން ދެންނެވި ބައެއް ލަފުޒުތަކެވެ. ދެ ޤައުމުގެ ސަޤާފަތާއި އާދަކާދައިގެ އެއްގޮތްކަން ބަޔާންކުރައްވާ މޯދީ ވަނީ ދިވެހި ބަހުން ބޭނުންކުރާ ބައެއް ބަސްތަކާއި ހިންދީ ބަހުން ބޭނުންކުރާ ބައެއް ބަސްތަކުގެ އެއްގޮތްކަން ކިޔާދީފައެވެ.

އެގޮތުން މިފަދަ އެއްގޮތް ބަސްތައް ދެ ޤައުމުގައި ބޭނުންކުރާ ގޮތާއި، އަދި ބޭނުންކުރަމުން އަންނަ މާނަތަކުގެ އެއްގޮތްކަން ބޮޑުވަޒީރު މޯދީ ފާހަގަކުރެއްވިއެވެ.
މީގެތެރޭގައި "ހަފްތާ" މިބަސް ދެ ޤައުމުގައިވެސް ބޭނުންކުރަނީ އެއްގޮތަކަށް އެއް މާނައިގައިކަން މޯދީ ފާހަގަކުރެއްވިއެވެ. އަދި ދުވަސް ދެނެގަތުމަށް ބޭނުންކުރާ "އާދިއްތަ" "ހޯމަ" މިފަދަ ލަފްޒުތަކާއި، އިންޑިއާގައި ވަގުތު ކިޔައިދިނުމަށް ބޭނުންކުރާ "ސޯމާ" އަދި "އާދިއްތްޔަ" ނުވަތަ ހަނދާއި އިރުގެ މާނަ ދޭހަކުރުމަށް ބޭނުންކުރާ ބަހާއި އެއްގޮތްކަމަށް މޯދީ ވިދާޅުވިއެވެ.

އެކުވެރި ރާގެއްގައި ދެއްކެވި ވާހަކައިގައި މޯދީ ވިދާޅުވީ އިންޑިއާއާއި ރާއްޖެއަކީ ދެ ޤައުމެއްނަމަވެސް މިއީ އެއް ބަގީޗާއެއްގައި ފޮޅިފައިވާ ދެ މާކަމަށެވެ.

މޯދީ ދިވެހި ބަހަށް ދެއްވާ ސަމާލުކަން އެންމެ ފުރަތަމަ ފާހަގަވެގެންދިޔައީ، 2018 ވަނަ އަހަރު އޮކްޓޯބަރ 20 ވަނަ ދުވަހު މޯދީ ދިވެހި ތާނައަކުރުތަކުން ކޮށްފައިވާ ޓްވީޓުންނެވެ. މި ޓްވީޓަކީ މުޅި އިންޑިއާ އެ ފަރާތަކަށް ފަޚްރުވެރިވާ އިންޑިއާގެ ލީޑަރު މަހާތްމާ ގާންދީގެ 150 ވަނަ އުފަން ދުވަހު ދިވެހި ދެ ލަވަކިޔުންތެރިން ހުށައަޅައިދިން ލަވައަކާ ގުޅޭގޮތުން ތާނަ އަކުރުން ލިޔެގެން ކޮށްފައިވާ ޓްވީޓެކެވެ. މޯދީ ވިދާޅުވީ "ވައިޝްނަވް ޖާން ތޯ" މި ލަވަ ކިޔުއްވާފައިވަނީ ރާއްޖޭގެ ހުނަރުވެރި ލަވަކިޔުންތެރިން މުޙައްމަދު ޝާހިދު އަދި މަރިޔަމް ވަހީދާކަމަށެވެ. އަދި ގާންދީގެ ސުލްޙައިގެ ފަލްސަފާއާއި ދެމެހެއްޓެނިވި ތަރައްޤީ އަދި ސާފުތާހިރުކަމުގެ ހަރަކާތް ދިވެހިރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭކަމަށެވެ.

ކޮންމެއަކަށް އެހެން ބަސްތައް މަސްހުނިކޮށް، ދިވެހިބަހަށް އޮންނަ ލޯބި ކުޑަވެ ބަސް އުވެމުންދާކަމަށްބުނެ ވާހަކަ ދައްކަމުންދާ މި ދުވަސްވަރު، ބޭރުގެ އިސް ވަޒީރަކު ރާއްޖެ ވަޑައިގެން ދެއްވި ޚިތާބުތަކުގައި ދިވެހި ބަސް ބޭނުންކުރުމާއި ދިވެހި ބަހުން އެ ދަތުރުފުޅުގެ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކުރުމަކީ ކުޑަކަމެއް ނޫނެވެ. މިއީ ދިވެހި ބަހައް ގިނަ ބައެއްގެ ތަޢުރީފް ލިބުނު ކަމެކެވެ. އަދި ދިވެހި ބަސް ނޭގޭ އެތައް ބަޔަކަށް މިބަހަކީވެސް ދުނިޔޭގައި ބޭނުންކުރާ ބަހެއްކަން އެނގިގެންދިޔަ ކަމެކެވެ.

ދިވެހިންގެ މުއްސަނދި ދިވެހި ބަހަށް މޯދީ ކުރެއްވި އިޙްތިރާމް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ. މޯދީގެ ދަތުރުފުޅާއެކު ދިވެހިންގެ ފަޚްރު ކަމަށްވާ ދިވެހިންގެ މާދަރީބަސް މިވަނީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީއެއް އޮންނަ އިންޑިއާއާއި މޯދީގެ ޚަބަރުތައް ބަލާ ފަރާތްތަކާ ހަމައަށް މިވަނީ ފޯރާފައެވެ.