ސިޔާސީ

ޖަލުތަކާއި ޕެރޯލްގެ ބިލަށް ހުށަހެޅި އިސްލާހު ފާސްކޮށްފި


ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އާންމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒު ކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ އިރު ލިބިގެން ނުވާކަމަށް ކަނޑައަޅާ ޖަލުތަކާއި ޕެރޯލްގެ ބިލަށް ހުށައަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.މި އިސްލާހު ފާސްވީ ވޯޓްގައި ބައިވެރިވި 40 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.މިއިސްލާހުމިއަދު މަޖިލީހުން ފާސްކޮށްފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ އެއިސްލާހުގެ ބިލްތަސްދީގް ނުކުރައްވާ އަލުން ވިސްނެވުމަށް މަޖިލީހަށް ފޮނުވުމާއި ގުޅިގެންނެވެ.ކުރިން އެއިސްލާހުގައި ބުނެފައިވާގޮތުން ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ މެމްބަރުކަން ވެސް، ހުކުމް ތަންފީޒުކުރުމަށް ޖަލުގެ ބަންދުގައި ހުންނަ މުއްދަތުގައި ގެއްލޭނެއެވެ.ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނު ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ހުށައަޅާފައިވާ އިސްލާހަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސްކުރެއްވި މެމްބަރުން ވިދާޅުވަމުން ގެންދެވީ މިއިސްލާހަކީ ވަކި ބަޔަކަށް ބަލައިގެން ހުށައަޅަފައިވާ އިސްލާހެއް ނޫންކަމަށެވެ.ނަމަވެސް އެމްޑީޕީން ބުނަމުން ގެންދަނީ މި އިސްލާހަކީ އަސާސީ ހައްގުތަށް ހަނިކޮށް އެމްޑީޕީގެ ރައީސްކަމުގެ މަގާމުން މުހައްމަދު ނަޝީދު ދުރުކުރުމަށް ހުށައެޅި އިސްލާހެއްކަމަށެވެ.ޖަލްތަކާއި ޕެރޯލްގެ ގާނޫނަށް މިއަދު މިގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފިނަމަ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ރައީސް ކަން ގެއްލޭނެއެވެ.ރައްޔިތުންގެ މަޖިލިސް މިއަހަރަށް ފެށިފަހުން 20 ޖަލްސާއެއް ބާއްވާފައިވާއިރު، ހުރިހާ ޖަލްސާއެއްގައިވެސް އިޙްތިޖާޖްކޮށް ރިޔާސަތަށް ހުރަސްއަޅާފައިވެއެވެ. ނަމަވެސް ރިޔާސަތުގެ ހުއްދަ ނެތި މަޖިލީހުގެ އިދާރީ މޭޒާއި ރިޔާސަތުގެ މޭޒު ކައިރިއަށް ވަޑައިގަންނަވާ މެމްބަރުންގެ ކޮމިޓީ އެލަވަންސުން ބައެއް އުނި ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއިން ފާސްކުރުމާއި ގުޅިގެން އެމްޑީޕީ މެމްބަރުންގެ އިހްތިޖާޖް ވަނީ ހުއްޓުމަކަށް އައިސްފައެވެ.