ބްރިޖް ހައިވޭއިން ދުއްވާފައި ދިޔަ ކާރެއްގެ ޓަޔަރު ފަޅައިގެންގޮސް ހައިވޭގެ ފެންސުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ ރޭ ދަންވަރު 2:30 އެހާކަންހާއިރު ހިނގި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުމެއްވެފައި ނުވާކަމަށެވެ. އެކްސިޑެންޓުވި ކާރުގައި ޑްރައިވަރު ފިޔަވާ އިތުރު މީހަކު ނެތްކަމަށާއި ކާރު ދުއްވަން އިނީ ލައިސަންސް އޮތް ދިވެއްސެއްކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާގައި ކާރު ދުއްވަން އިން މިހާއަށް އެއްވެސް އަނިޔާއެއް ނުލިބުނުނަމަވެސް ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މި އެކްސިޑެންޓުގެ އިތުރުން ރޭ ދެ ސައިކަލެއް ޖެހިވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވެއެވެ. ބޮޑުތަކުރުފާނު މަގުން ދުއްވާފައި އައި ސައިކަލާ ހިލާލާލީ މަގުން ބޮޑުތަކުރުފާނު މަގަށް ނުކުތް ސައިކަލަކާއި ޖެހި ހިނގި މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އައިޖީއެމްއެޗްގައި ފަރުވާދެމުން އަންކަމަށް ފުލުހުން ބުނެއެވެ. އެމީހާގެ ނިތްކުރި ފަޅައިގެން ގޮސްފައިވާކަމަށާއި މި އެކްސިޑެންޓްގައި އަނިޔާ ލިބިފައިވަނީ ހިލާލީ މަގުން ބޮޑުތަކުރުފާނުމަގަށް ނުކުތް ސައިކަލު ދުއްވަން އިން މީހާއަށްކަމަށްވެސް ފުލުހުން ބުނެއެވެ.
މި ދެތިން ދުވަހު މާލޭ ސަރަހައްދުގައި ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކެއް ވަނީ ހިނގާފައެވެ. މި ގޮތުން އިއްޔެރޭ ބްރިޖުން މާލެއަށް ފޭބި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް މެރިން ރިސާޗް ސެންޓަރުގެ ފާރުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. އަދި ބުރާސްފަތި ދުވަހު ކާރެއްގައި އިން ޑްރައިވަރަކަށް ނިދި ޖެހިގެން ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ކާރުގައި ތިބި 3 މީހަކަށް އަނިޔާވެފައިވެއެވެ.
ހަފްތާއަކު އެއްފަހަރު ފުލުހުން އާއްމުކުރާ ތަފާސް ހިސާބުތައް ދައްކަމުން މިދިޔަ ހަފްތާގައި އެކަނިވެސް މާލޭ ސަރަހައްދުގައި 64 އެކްސިޑެންޓެއް ހިނގާ 17 މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.