ކުޅިވަރު

ޔަންގް ސްޓަރ އާއި ވައި މެކްސްވެސް ކުއާޓަރ ފައިނަލަށް


ބްރައިޓް ޗެލެންޖް ކަޕްގެ ކުއާޓަރ ފައިނަލުން ޔަންގް ސްޓަރ އާއި ވައި މެކްސް ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ކުއާޓަރ ފައިނަލްއިން ޔަގް ސްޓަރ ޖާގަ ހޯދީ މިރޭ ކުޅުނު ގުރޫޕް ސްޓޭޖުގެ ފަހު މެޗް ކާމިޔާބުކޮށްގެންނެވެ. ޔަންގް ސްޓަރ މިމެޗް ކާމިޔާބުކޮށްފައިވަނީ ލެގޫން ވިލާ ތޮއްޑޫއާއި ވާދަކޮށްގެންނެވެ. ގުރޫޕް ސްޓޭޖްގެ ހުރިހާ މެޗްއެއް ކުޅެވިފައިވާއިރު، ގުރޫޕް ސީއިން ކުއާޓަރ ފައިނަލުން ޖާގަ ހޯދީ ޔަގް ސްޓަރ އާއި އޮޅުވާލިއެވެ. އޮޅުވާލީއަށް 6 ޕޮއިންޓް ލިބިފައިވާއިރު ޔަންގް ސްޓަރއަށް ލިބިފައިވަނީ 3 ޕޮއިންޓް އަދި ލެގޫން ވިލާ ތޮއްޑޫއަށް އެއްވެސް ޕޮއިންޓްއެއް ނުލިބި އެޓީމްވަނީ މުބާރާތުން ކަޓާފައެވެ.

މިރޭ ކުޅުނު ޔަންގް ސްޓަރ އާއި ލެގޫން ވިލާގެ މެޗް ޔަންގް ސްޓަރ ކާމިޔާބުކުރީ 3 ލަނޑު 0 ލަނޑުންނެވެ. މެޗްގައި ޔަންގް ސްޓަރއަށް ލަނޑުތަށް ކާމިޔާބުކޮށްދިނީ ހަސަން ރާއިފް، އިބްރާހީމް ޝިޔާޒް އަދި މުހައްމަދު އިންޝާދުއެވެ.

މިރޭ ކުޅުނު ދެވަނަ މެޗް ކާމިޔާބުކޮށް ވައި މެކްސް ކުއާޓަރ ފައިނުން ޖާގަ ހޯދީ ގުރޫޕް ޑީގެ އެއްވަނަ ޓީމްގެ ގޮތުގައިއެވެ. އެއީ ކުޅުނު ދެ މެޗްވެސް ކާމިޔާބުކޮށް 6 ޕޮއިންޓް ހޯދައިގެންނެވެ. މި ގުރޫޕްއިން ދެވަނަ ޓީމްގެ ގޮތުގައި ކުއާޓަރ ފައިނަލުން ޖާގަ ހޯދީ ޔުނިކް އެފްސީއެވެ. އެޓީމްއަށް ވަނީ 3 ޕޮއިންޓް ލިބިފައެވެ. އެފްސީ ބަންގްލާވަނީ ކުޅުނު ދެ މެޗުންވެސް ބަލިވެ މުބާރާތުން ކަޓާފައެވެ.

މިމުބާރާތުގެ ކުއާޓަރ ފައިނަލް މެޗްތަށް މާދަމާ ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ކުއާޓާރ ފައިނަލް މެޗްގައި ވާދަކުރާނީ އެފްސީ ބާގީ އާއި ޔަންގް ސްޓަރއެވެ. ދެވަނަ ކުއާޓަރ ފައިނަލް މެޗްގައި ވާދަކުރާނީ ކްލަބް ލަޔަންސް އާއި ޔުނިކް އެފްސީއެވެ. ތިންވަނަ ކުއާޓަރ ފައިނަލް މެޗްގައި ވާދަކުރާނީ އެފްސީ ލެޖެންޑް އާއި ވައި މެކްސްއެވެ. އަދި ހަތަރުވަނަ ކުއާޓަރ ފައިނަލް މެޗްގައި ވާދަކުރާނީ ހެލޯ ބޭބީ އާއި އޮޅުވާލިއެވެ.