ކުޅިވަރު

ބްރައިޓް ޗެލެންޖް ކަޕްގެ ކުއާޓަރ ފައިނަލުން ލެޖެންޑްސް އާއި ލަޔަންސް ޖާގަ ހޯދައިފި


ބްރައިޓް ޗެލެންޖް ކަޕްގެ ކުއާޓަރ ފައިނަލުން އެފްސީ ލެޖެންޑްސް އާއި ކްލަބް ލަޔަންސް ޖާގަ ހޯދައިފިއެވެ.

މިދެ ޓީމްވެސް ކުއާޓަރ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖްގައި ކުޅުނު ފަހު މެޗް ކާމިޔާބުކޮށްގެންނެވެ. އެފްސީ ލެޖެންޑްސް ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވާއިރު، މިއަދު ހަވީރު ލަޔަން ފުޑު ފުޑުއާއި ވާދަކޮށް ލެޖެންޑްސް މެޗް ކާމިޔާބުކޮށްފައިވަނީ 6 ލަނޑު 0 ލަނޑުންނެވެ.

ގުރޫޕް ސްޓޭޖެގެ ކުޅުން ނިމިފައިވާއިރު ގުރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައި ކުއާޓަރ ފައިނަލުން ޖާގަ ހޯދާފައިވަނީ ކުޅުނު ދެ މެޗްވެސް ކާމިޔާބުކޮށް 6 ޕޮއިންޓާއެކު އެފްސީ ބާގީއެވެ. އަދި ލެޖެންޑްސްއަށް ލިބިފައިވަނީ 3 ޕޮއިންޓްއެވެ. ލަޔަންސް ފުޑު ފުޑު މުބާރާތުން ކަޓާފައިވަނީ އެޓީމް ކުޅުނު ދެ މެޗުންވެސް ބަލިވެގެންނެވެ.

މިއަދު ހަވީރު ކުޅުނު މެޗްގައި ލެޖެންޑްސް ޓީމުން ޖެހި 6 ލަނޑުގެ ތެރެއިން މުހައްމަދު ތަސްލީމް 3 ލަނޑު ޖަހާފައިވާއިރު މުހައްމަދު ޝާދިން ވަނީ ދެ ލަނޑު ޖަހާފައެވެ. ލެޖެންޑްސް ޓީމްގެ އަނެއް ލަނޑުތަށް ޖަހާދިނީ ރިލްވާން ވަހީދު އާއި އަހުމަދު އަޝްފާންއެވެ.

މިއަދު ހަވީރު ކުޅުނު ދެވަނަ މެޗް ކާމިޔާބުކޮށް ކުލަބް ލަޔަންސް ކުއަޓަރ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ބީގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. އެއީ 4 ޕޮއިންޓް ލިބިގެންނެވެ. ހެލޯ ބޭބީއަށް 3 ޕޮއިންޓް ލިބިފައިވާއިރު، ފެރެންޑްސް ޔުނައިޓަޑަށް ލިބިފައިވަނީ އެންމެ ޕޮއިންޓްއެކެވެ.

މިއަދު ހަވީރު ކުޅުނު މެޗް ކުލަބް ލަޔަންސް ކާމިޔާބުކުރީ ހެލޯ ބޭބީއާއި ވާދަކޮށް 2 ލަނޑު 0 ލަނޑުންނެވެ. މެޗްގައި ކުލަބް ލަޔަންސްގެ ލަނޑުތަށް ކާމިޔާބުކޮށްދިނީ އައިރޫން އަހުމަދު އާއި މުހައްމަދު ފިރާޝްއެވެ.

12 ޓީމްއަކުން ބައިވެރިވި މިމުބާރާތް ކުރިއަށްދަނީ ހަތަރު ގުރޫޕްއަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕްއެއްގައި ހިމެނެނީ 3 ޓީމެވެ.

މުޅި ރާއްޖެއަށް ހުޅުވާލެވިގެން ކުރިއަށްގެންދާ މިމުބާރާތުގެ ޗެންޕިއަން ޓީމްއަށް 45،000 ރުފިޔާ އަދި ދެވަނަ ޓީމްއަށް 15،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.