3 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކުގެ ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށް، ދެވަނަ މިހާ ޝަރުތުތަކަކާއެކު ކޯޓުން ދޫކޮށްލައިފިއެވެ.
ތިން ކިލޯގެ މަސްތުވާތަކެއްޗާއިއެކު ހުޅުމާލެއިން ހައްޔަރުކުރި ދެ މީހުން އައު ކޯޓު އަމުރަކާއި އެކު ތިންވަނަ ފަހަރަށް ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން ހުޅުމާލެ މެޖިސްތްރޭޓް ކޯޓަށް ހާޒިރުކުރުމުންވަނީ އެކަކު ދޫކޮށްލާ އަނެއް މީހާގެ ބަންދުގެ މުއްދަތު ޖަހައިދީފައެވެ.
ފުލުހުން ބުނީ މީގެ ތެރެއިން ބަންދުގެ މުއްދަތު 10 ދުވަސް އިތުރުކުރީ މިމައްސަލާގައި ހައްޔަރުކުރި 25 އަހަރުގެ ފިރިހެން މީހާކަމަށެވެ. އަދި ބަލިހާލަތު ހުރިގޮތުން ޝަރުތުތަކާއެކު ދޫކޮށްލީ 52 އަހަރުގެ އަންހެންމީހާކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މި ދެމީހުންނަކީ މަންމައަކާއި ދަރިއެކެވެ.
ފުލުހުން ބުނީ މި މައްސަލާގައި ބަންދުގެ މުއްދަތަށް ބޭއްވި މަޖިލީހުގައި ފުރުސަތެއް ހޯދައިގެން 25 އަހަރުގެ މީހާ ވާހަކަ ދައްކަމުން އޭނާގެ ކޮޓަރިން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ ބަހައްޓާފައިވާ ތަކެތިކަމަށް ބުނެފައިވާކަމަށެވެ. އަދި އެ ތަކެއްޗާއި ބެހޭ މައުލޫމާތު އެނާގެ މަންމައަށް ނޭގޭނެކަމަށް ބުނެފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މި ދެމީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް މީގެކުރިން ދެ ފަހަރެއްގެ މަތިން ވަނީ ގެންގޮސްފައެވެ. ނަމަވެސް އެ ދެމީހުންގެ ބަންދުގެ މުއްދަތު އިތުރު ނުކޮށްދީ ކޯޓުން ވަނީ އެ ދެމީހުން ދޫކޮށްލާފައެވެ. މި ދެފަހަރުވެސް އެމީހުން ދޫކޮށްލީ ޖިނާއީ އިޖުރާއަތުގެ ޤާނުނުގައި ބުނާ ކަމެއް ފުލުހުން ފުރިހަމަކޮށްފައި ނުވާކަމަށް ބުނެއެވެ.
މި މައްސަލާގައި ފުލުހުން ދައްކަނީ ކޯޓުތަކުގެ އިހުމާލެވެ. ދެ ކޯޓުން ބުނަނީ ފުލުހުން އިޖްރާއަތުތަކާއި ހިލާފުވެފައިވާކަމަށެވެ. ފުލުހުން ބުނީ އެ ދެ މީހުންގެ މައްސަލާގައި ފުލުހުން އަމަލު ކޮށްފައި ވާނީ މަސްތުވާތަކެތީގެ މައްސަލާގައި އަބަދުވެސް އަމަލު ކުރަމުން އަންނަ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ.