ކުޅިވަރު

ބްރައިޓް ޗެލެންޖް މިއަހަރު ތަފާތުވާނެ - މޫސަ


ފުރަތަަމަ ޑިވިޝަންގައި ކުޅޭ ކުޅުންތެރިން މުބާރާތުގައި އިތުރުވުމަކީ ބްރައިޓް ޗެލެންޖްގެ ފޯރި އިތުރަށް ގަދަވާކަމެއްކަމަށް ބްރައިޓް ކުލަބްއިން ބުނެފިއެވެ.

އެކުލަބްގެ ހިންގާ ކޮމެޓީގެ މެންބަރ އާދަމް މޫސާ ބުނީ އަހަރަކަށް ވުރެއް އަހަރެއް މުބާރާތުގެ ފޯރި ގަދަވަމުންދާކަމަށާއި މުބާރާތުގެ އިންތިޒާމްތައްވެސް ރަނގަޅުވަމުން އަންނަކަމަށެވެ. މެދު ކެޑުމެއް ނެތި ބްރައިޓް ކުލަބްއިން ކޮންމެ އީދަކާއި ދިމާކޮށްވެސް މުބާރާތް ބާއްވާތާ މިއީ 26ވަނަ އަހަރެވެ.

އެންމެ ފުރަތަމަ މިމުބާރާތް ބާއްވާފައިވަނީ މާޓް ކަޕްގެ ނަމުގައެވެ. ނަމަވެސް އިންތިޒާމްތައް ރަނގަޅުވެ، މުބާރާތުގެ ފެންވަރު ރަނގަޅު ވަމުންގޮސް ބްރައިޓް ޗެލެންޖްގެ ނަމަށް މުބާރާތް ބަދަލްވެގެންދިޔައެވެ. އެންމެ ފުރަތަމަ މިމުބާރާތް ބައްވަމުން ގޮސްފައިވަނީ ވަންޑޭ ކަޕެއްގެ ގޮތުގައެވެ. އަދި އޭރު މުބާރާތް ކުޅެމުން ގޮސްފައިވަނީ ހުސްފައިގައެވެ.

މޫސަ ބުނީ މުބާރާތުގެ ފެންވަރު ރަނގަޅުވެ މިހާރު ޓީމްތައް އިތުރުވެ ހަވީރާއި ރޭގަނޑުވެސް މުބާރާތް ކުޅުމުގެ އިތުރުން ކޮންމެ އަހަރަކުވެސް މުބާރާތުގައި ބައިވެރިވާ ފުރަތަމަ ޑިވިޝަންގެ ކުލަބްތަކުގެ ކުޅުންތެރިންގެ އިތުރުވަމުންދާކަމަށެވެ.

"އެހެން އަހަރުތަކުގައި ދިމާވާ މައްސަލަތަކާއި އަޅާ ބަލާއިރު، މިއަހަރުގެ މުބާރާތުގެ ފެންވަރު ވަރަށް ރަގަނޅުވާނެ. ކުރިން އަހަރުތަކުގައި ރެފްރީންގެ މައްސަލަތަށް ވަރަށް ބޮޑަށް ދިމާވޭ، ނަމަވެސް މިއަހަރު ރެފްރީންގެ މައްސަލަ އެއްވެސް ވަރަކަށް ދިމާއެއް ނުވޭ. އަދި އެއްވެސް މެޗްއެއްގައިވެސް އެއްވެސް މައްސަލައެއްވެސް ދިމައެއް ނުވޭ. އިންތިޒާމްތަށްވެސް ވަރަށް ރަގަނޅުވާނެ. މުބާރާތުގައި ކުޅޭ މަޝްހޫރު ކުޅުންތެރިން ދަނީ އަހަރަކަށް ވުރެއް އަހަރެއް ރަގަނޅުވަމުން. ރަށުން ބޭރުންވެސް މިއަހަރު ދެ ޓީމްވަނީ ބައިވެރިވެފަ. މިހާރުވެސް މަޢުލުމާތު ލިބިފައިވަނީ މިއަންނަ އަހަރުގައިވެސް އިތުރު ޓީމްތަކެއް ރަށުން ބޭރުން ބައިވެރިވާނެކަމަށް." ބްރައިޓް ކުލަބްގެ ހިންގާ ކޮމެޓީގެ މެންބަރ އާދަމް މޫސާ ބުންޏެވެ.

12 ޓީމްއަކުން ބައިވެރިވި މިމުބާރާތް މިއަހަރުވަނީ ހަތަރު ގުރޫޕްއަކަށް ބަހާލާފައެވެ. ކޮންމެ ގުރޫޕެއްގައި 3 ޓީމް ހިމެނެއެވެ.
މުޅި ރާއްޖެއަށް ހުޅުވާލެވިގެން ކުރިއަށްގެންދާ މިމުބާރާތުގެ ޗެންޕިއަން ޓީމްއަށް 45،000 ރުފިޔާ އަދި ދެވަނަ ޓީމްއަށް 15،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.