ޓުއަރިޒަމް

މަޖިލީހުން ގެނައި އިސްލާހާއިއެކު ޓޫރިޒަމްގެ ޤާނޫނު ތަސްދީގުކޮށްފި


ރިސޯޓް ހިންގުމަށް ދޫކުރާ ރަށްތަކުގެ މުއްދަތު 99 އަހަރަށް ދޫކުރުމަށާއި، އެރަށްރަށުގެ ތިމާވެއްޓާ ގުޅޭ ކަންކަން ބެލެހެއްޓުން ޓުއަރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ޤާނޫނަށް ގެނައި އިސްލާހާއިއެކު ޓޫރިޒަމްގެ ޤާނޫނު ރައީސް ތަސްދީގު ކުރައްވައިފިއެވެ.ޓޫރިޒަމްގެ އާ ޤާނޫނުގައިވާގޮތުން 50 އަހަރަށް މިހާރު  ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ގާނޫނުގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވާ ރަށްތަކުގެ މުއްދަތު، އެރަށްތައް ކުއްޔަށް ނަގާފައިވާ ފަރާތްތައް ބޭނުން ވެއްޖެނަމަ ގިނަވެގެން 49 އަހަރު އިތުރުކޮށްދެވޭނެއެވެ. އެގޮތުން މުއްދަތު އިތުރުކުރެވޭނީ ފީގެ ގޮތުގައި 5 މިލިއަން އެމެރިކާ ޑޮލަރު ނެގުމަށްފަހުކަމަށް ބިލްގައި ހިމަނާފައިވެއެވެ.މީގެއިތުރުން އެއިސްލާހުގައި ބުނެފައިވަނީ، ރިސޯޓް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ރަށެއްގެ ތިމާވެއްޓަށް ބަދަލެއް އަންނަ ފަދަ މަސައްކަތެއް ކުރާނަމަ، އީއައިއޭ ރިޕޯޓް ހެދުމާއި އެފަދަ ހުއްދަތައް ދިނުމުގެ ބާރު ލިބިގެންވާނީ ޓޫރިޒަމް މިނިސްޓްރީއަށް ކަމަށެވެ. އަދި އެގަވާއިދަކާ ޚިލާފުވާ ފަރާތެއްވާނަމަ 5 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ. މިހާރު އީއައިއޭ ހަދަމުން އަންނަނީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އީޕީއޭއިންނެވެ.ކުރިން އަމަލުކުރަމުން އައި ޓޫރިޒަމް ގާނޫނުގައިވާގޮތުން ރިސޯޓްތައް ނުވަތަ ޓޫރިޒަމް ބޭނުމަށް ފަޅާއި ބިން ކުއްޔަށް ދެވޭ އެންމެ ދިގު މުއްދަތަކީ 50 އަހަރެވެ.