ޚަބަރު

މޫސުމީ ބަދަލުތައް ކުޑަކުރަން ކުރާ މަސައްކަތުގައި ރާއްޖެއިން ފަސްނުޖެހި ދެމި އޮންނާނެ - ޝާހިދު


މޫސުމަށް އަންނަ ބަދަލުތަށް ކުޑަކުރުމަށް ކުރާ މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް ފަސްނުޖެހި ކުރީ ސަފުގައި ދެމި އޮންނާނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ބަރލިން ކްލައިމެޓް އެންޑް ސެކިއުރިޓީ ކޮންފަރެންސްގެ ރައުންޑް ޓޭބަލް ބައްދަލުވުމުގައި ދެއްވި ތަޤުރީރުގައި މިނިސްޓަރ ޝާހިދު ވަނީ ވޭތުވެދިޔަ މަދު އަހަރުތަކުގެ ތެރޭގައި މޫސުމަށް އައިސްފައިވާ ބޮޑެތި ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވަނީ ރާއްޖެ ފަދަ ޖަޒީރާ އަދި ބިން ތިރި ޤައުމުތަކަށް ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަށް ކުޑަކުރުމަށް ދުނިޔޭގެ ޤައުމުތައް އެކަތި ގަނޑަކަށްވެ އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމުކަން މިނިސްޓަރ ޝާހިދުގެ ތަޤުރީރުގައި ވަނީ ފާހަގަކުރައްވާފައެވެ. މިމޭރުމުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝާހިދުވަނީ، މޫސުމަށް އަންނަ ބަދަލުތަށް ކުޑަކުރުމަށް ކުރާ މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް ފަސްނުޖެހި ކުރީ ސަފުގައި ދެމި އޮންނާނެ ކަމަށްވެސް ވިދާޅުވެފައެވެ.

މިނިސްޓަރ ޝާހިދު ބަރލިން ކްލައިމެޓް އެންޑް ސެކިއުރިޓީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ޖަރުމަނުވިލާތަށް ވަޑައިގަންނަވާފައިވާއިރު، މިދަތުރުފުޅުގެ ތެރެއިން އެމަނިކުފާނުވަނީ ޖަރުމަނުވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ވެބްސައިޓް ލޯންޗްކޮށްދެއްވާފައެވެ. މީގެ އިތުރުން ބަރލިން ކްލައިމެޓް އެންޑް ސެކިއުރިޓީ ކޮންފަރެންސްގެ ހަވާސާގައި މިނިސްޓަރ ޝާހިދުވަނީ އެކި ޤައުމުތަކުގެ ސަފީރުންނާވެސް ބައްދަލުކުރައްވާފައެވެ.

އެގޮތުން މިނިސްޓަރ ޝާހިދުވަނީ ބެލްޖިއަމްގެ ފޮރިން މިނިސްޓަރ ޑައިޑަރ ރޭންޑާސް އާއި ބައްދަކުރައްވާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ބެލްޖިއަމް އާއި ރާއްޖެ ގުޅިގެން މޫސުމަށް އަންނަ ބަދަލުތަށް ކުޑަކުރުމާއި، ޑިމޮކްރަސީ ވަރުގަދަ ކުރުމާއި އިންސާނީ ހައްޤުގެ ދާއިރާއިން ދެ ޤައުމު ގުޅުގެން މަސައްކަތް ކުރުމަށް ދެ ޤައިމުގެ ޚާރިޖީ ވަޒީރުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ބެލްޖިއަމްގެ ޚާރިޖީ ވަޒީރަށް ފަހު މިނިސްޓަރ ޝާހިދުވަނީ، ޖަރުމަނުވިލާތުގެ ހެޑް އޮފް ފެޑަރަލް ޗާންސެލަރީ އެންޑް ފެޑަރަލް މިނިސްޓަރ ފޯރ ސްޕެޝަލް ޓާސްކްސް ހެލްްޖް ބްރައުންއާ ބައްދަލުކުރައްވާފައެެވެ. މި ބައްދަލުވުމުގައި ރާއްޖެއާ ޖަރުމަނުވިލާތާއި ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވާފައިވާއިރު، ޚާއްސަކޮށް ޖަރުމަނު ވިލާތުން ރާާއްޖެއަށް އިންވެސްޓްމަންޓް އިތުރުކޮށް، ފަތުރުވެރިކަމުގެ ދާއިރާއާއި ޖުޑިޝަރީއާއި މޫސުމީ ބަދަލުތަށް ކުޑަކުރުމަށް ކުރާ މައްސަލަތަށް ކުޑަކުރުމަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ.

ބަރލިން ކްލައިމެޓް އެންޑް ސެކިއުރިޓީ ކޮންފަރެސްގައި މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ ޖަރުމަންވިލާތުގެ ފެޑެރަލް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ހެއިކޯ މާސްގެ ދައުވަތަކަށެވެ. މި ބައްދަލުވުމަށް ފަހު މިއަދު ބާއްވާ 4 ވަނަ ޖަރމަން އޭޝިއަން ބިޒްނަސް ޑައިލޮގްގައި މިނިސްޓަރ ޝާހިދު ބައިވެރިވެޑައިގަންނަވާނެއެވެ.