ކުޅިވަރު

ބްރައިޓް ޗެލެންޖް ކަޕް - އޮޅުވާލި އާއި ވައި މެކްސްއަށް މޮޅެއް


ބްރައިޓް ޗެލެންޖް ކަޕްގައި ރޭ ކުޅުނު މެޗްތައް އޮޅުވާލި އާއި ވައި މެކްސް އެފްސީ ކާމިޔާބުކޮށްފިއެވެ.

މުޅި ރާއްޖެއަށް ހުޅުވާލެވިގެން ކުރިއަށްގެންދާ ބްރައިޓް ޗެލެންޖް ކަޕްގައި ރޭ ކުޅުނު ފުރަތަމަ މެޗް އޮޅުވާލި ކާމިޔާބުކުރީ ޔަންގް ސްޓަރއާއި ވާދަކޮށް 1 ލަނޑު 0 ލަނޑުންނެވެ. މެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އޮޅުވާލި ޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ ފުރަތަމަ ހާފްގައި އިސްމާޢީލް ނަސީރުއެވެ.

ދެ ޓީމްގެ ފަރާތުންވެސް އަވަސް ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެ ޓީމުންވެސް ލަނޑު ޖަހާ ލީޑް ނެގުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދިޔަކަން ފާހަގަކޮށްލެވުނެވެ. މެޗުން ބަލިވި ޔަންގް ސްޓަރ ޓީމްގެ ކޯޗަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ތޮއްޑޫ މުޙައްމަދު ނިޒާމްއެވެ.

ރޭ ކުޅުނު ދެވަނަ މެޗް ވައިމެކްސް ކާމިޔާބުކުރީ އެފްސީ ބެންގަލޯއާއި ވާދަކޮށް 7 ލަނޑު 0 ލަނޑުންނެވެ. މެޗްގައި ވައި މެކްސްގެ ލަނޑުތަށް އެޓީމަށް ކާމިޔާބުކޮށްދިނީ އުސްމަތު ޒިހާމް އަދި މުޚުތާރު އަދި ޒިޔާނެވެ. އުސްމަތު 3 ލަނޑު ޖަހާފައިވާއިރު ޒިހާމް ވަނީ 2 ލަނޑު ޖަހާފައެވެ. މިމެޗްގައި އެފްސީ ބެންގަލޯއަށް މާ ރަނގަޅު ހަމަލާތަކެއް އުފެއްދޭ ގޮތެއް ނުވިއެވެ. ނަމަވެސް ވައި މެކްސްއަށްވަނީ 7 ލަނޑުގެ އިތުރަށްވެސް ލީޑް ފުޅާ ކުރުމަށް ދެތިން ފުރުސަތެއް ލިބިފައެވެ.

މިމުބާރާތުގައި މިއަދުވެސް 4 މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ.

މުޅި ރާއްޖެއަށް ހުޅުވާލެވިގެން ކުރިއަށްގެންދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 45،000 ރުފިޔާ އަދި ދެވަނަ ޓީމަށް 15،000 ރުފިޔާ ދިނުމަށް ހަމަޖެހިފައެވެ.