ތިމާވެށި

ދުނިޔެ ހޫނުވުން - ރާއްޖެއަށްއޮތް އެންމެ ބޮޑު އެއް ނުރައްކާ


ގަސްތުގައްޔާއި ނޭނގި ނަމަވެސް އިންސާނުންނަށް ކުރެވޭ ކަންކަމުގެ ސަބަބުން ދުނިޔޭގެ ތިމާވެށި މިއަދު މިވަނީ ވަރަށްވެސް ނާޒުކު ޙާލަތެއްގައެވެ. މިކަންކަމުގެ އަސަރު މިހާރުވެސް އަޅުގަނޑުމެންގެ ވަށައިގެންވާ މާޙައުލުން ދަނީ ފެންނަމުންނެވެ. ތިމާވެށްޓާ ގުޅުންހުރި ކަންކަމުގެ ތެރެއިން މިއަދު ދުނިޔޭގެ ލީޑަރުންގެ މެދުގައިވެސް އެންމެ ބޮޑަށް ބަޙުސްކުރެވޭ އެއްކަމަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ ސަބަބުން ދުނިޔޭގެ އޯޒޯން ފަށަލަ ތުނިވެ، ދުނިޔޭގެ ފިނިހޫނު މިނަށް އަންނަމުންދާ ބަދަލުތަކުގެ ވާހަކައެކެވެ.

ސިނާޢީ އެކި ކަހަލަ މަސައްކަތްތަކާއި ހަކަތަ އުފެއްދުމަށާއި ކުނި އެންދުންފަދަ ކަންކަމުގެ ތެރެއިން ޖައްވަށް ދޫކުރާ "މީތޭން، ކާރބަންޑައި އޮކްސައިޑް" ފަދަ ވިހަ މާއްދާތަކުގެ ސަބަބުން ވައި ތަޣައްޔަރުވެ، ދުނިޔޭގެ ފިނިހޫނުމިނަށް ހީވެސް ނުކުރާހާ ބޮޑެތި ބަދަލުތަކެއްދަނީ އަންނަމުންނެވެ.

މީގެ ސަބަބުން ނޭވާލާ ނިޒާމަށް ޖެހޭ ތަފާތު ބަލިތަކާއި ކިޑްނީއާއި ހިތުގެ ބަލިތައް މިހާރުވަނީ ޢާއްމުވާން ފަށާފައެވެ. އަދި މިކަމުގެ ނުރައްކާ އެންމެ ބޮޑީ މެދުމިނުގެ އާމްދަނީ ލިބޭ ޤައުމުތަކާއި ދިވެހިރާއްޖެފަދަ ބިން ތިރި ޖަޒީރާ ޤައުމުތަކަށެވެ.

ރާއްޖޭގައިވެސް ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން މިހާރު އެންމެ އާއްމު ބަލިތަކަކީ ހިތުގެ ބަލިތަކާއި ކިޑްނީއާއި ގުޅުންހުރި ބަލިތަކެވެ. އަދި އާސަންދައިންވެސް އެންމެ ބޮޑު ޚަރަދެއް ކުރާ ބަލިތަކުގެ ތެރޭގައި މިފަދަ ބަލިތައް ހިމެނެއެވެ. ދުނިޔޭގެ ނިސްބަތުން ބަލާނަމަވެސް އެންމެ ގިނައިން މީހުން މަރުވާން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި މިފަދަ ބަލިތައް ހިމެނެއެވެ. މިއީ އިންސާނީ ދަރިފަސްކޮޅަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ވާހަކައެވެ.

ދެން އޮތީ ވަށައިގެންވާ މާހައުލަށް ހުރި ނުރައްކާތަކުގެ ވާހަކައެވެ. ދުނިޔޭގެ ފިނިހޫނުމިނަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އުތުރުތަނޑިއާއި ދެކުނުތަނޑީގައިވާ ގަނޑުފެންތައް ވިރި، ކަނޑުގެ ލޮނުގަނޑު އުފުލުން މިއީ މިހާރު ރާއްޖެފަދަ ބިން ތިރި ޤައުމުތަކަށްވެސް އޮތް އެންމެ ބޮޑު ނުރައްކަލެވެ.

ދިވެހިރާއްޖެއަކީ ކުދިކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޤައުމަކަށްވާއިރު، އެރަށްތަކުގެ ހިމާޔަތުގައި ވަށައިގެންވާ މުރަކައިގެ ދިރުންތަކަށްވެސް އޮތް އެންމެބޮޑު ނުރައްކަލަކީ ދުނިޔެ ހޫނުވުމެވެ. މީގެ ސަބަބުން މުރަކަ މަރުވެ ހުދުވުމާއި، ރަށްގިރުމާއި އުދައެރުންފަދަ ކަންކަން ކުރިމަތިވުން މިއީ މިހާރު ރާއްޖޭގެ ތިމާވެށްޓަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކެވެ. ރާއްޖޭގެ މުޅި އިޤްތިޞާދުހެން ބަރޯސާވެފައިވަނީ ރާއްޖެއަށް ލިބިފައިވާ ގުދުރަތީ މުއްސަނދިކަމާއި، ކަނޑުފަޅުގެ ދިރުންތަކަށްކަމަށްވާއިރު، މިއީ މިއަދު އަޅުގަނޑުމެން ދިވެހިންވެސް ވިސްނާލުން މުހިއްމު މައްސަލައެކެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީވެސް މިދެންނެވި ފަދަ ކަންކަމުގެ ސަބަބުން ދުނިޔޭގެ ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް މީހުން ހޭލުންތެރިކުރުވައި ތިމާވެށްޓާ ރަށްޓެހި އާދަތަކަށް ހިތްވަރު ދިނުމެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މިއަހަރުގެ ޝިއާރެއްގެގޮތުގައި ކަނޑައަޅާފައިވަނީވެސް "އެއަރ ޕޮލިއުޝަން" ނުވަތަ "ވައިގެ ތަޣައްޔަރުކަން" މި ޝިއާރެވެ. މޫސުމީ ބަދަލުތަކާއި ދުނިޔޭގެ ފިނިހޫނުމިނަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެށްޓަށްކުރާ ނޭދެވޭ އަސަރުތަކުގެ ބިރު އެންމެ ބޮޑީ ރާއްޖެފަދަ ޤައުމުތަކަށް ކަމަށްވާއިރު، މިއީ ދިވެހިންވެސް މިއަދު ވިސްނާލުން މުހިއްމު ކަމެކެވެ. ތިމާވެށްޓާ ރަށްޓެހި އާދަތަކަށް މިހާރަށްވުރެ ބޮޑަށް އަޙުލުވެރިވާން އެބަޖެހެއެވެ.