ކުޅިވަރު

ބޭރުމަތި ގޯދިއްޔާ ފުޓްސަލް ކަޕް މިލްކުކޮށްފި


ހެޕީމާކެޓު ގޯދިއްޔާ ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިން ފަހަރު އެފްސީ ބޭރުމަތި ހޯދައި ތަށި މިލްކު ކޮށްފިއެވެ. އެފްސީ ބޭރުމަތި ހޯދި ކާމިޔާބީއާއި އެއްކޮށް މިއީ މި މުބާރާތުގައިވެސް ޓީމަކަށް މިތަށި މިލްކު ކުރެވުނު ފުރަތަމަ ފަހަރެވެ.

ފްރެންޑްސް ކްލަބާއި ބައްދަލުކުރި މުބާރާތުގެ ފައިނަލް މެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެއެވެ. އަދި ދެވަނަ ހާފުގައިވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުން ނަތީޖާ ނެރުނީ ޕެނަލްޓީޖަހައިގެންނެވެ. ވާދަވެރިކުޅުމެއް ފެނުނު މި މެޗުގައި ޕެނަލްޓީ ޖަހައިގެން އެފް.ސީ ބޭރުމަތި ކުރިހޯދީ ހަތަރު ލަނޑު ތިން ލަނޑުންނެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއާއަށް ހޮވިފައިވަނީ ފްރެންޑްސް ކުލަބުގެ ޙުސައިން ޝަރީފެވެ. އަދި މުބާރާތުގެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ޒިލޯންގެ ޙަސަން ރައުފެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ފްރެންޑްސް ކުލަބުގެ މުޙައްމަދު ޢިމްރާނެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަށް އެފްސީ ބޭރުމަތީގެ މުޙައްމަދު ޝަފީއު ހޮވިފައިވާއިރު، މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ އެފްސީ ބޭރުމަތީގެ ކޯޗު އަޙުމަދު ނަސީމެވެ.

ފެއާޕްލޭ ޓީމަކަށް އެފްސީ ޒެފިއާ ހޮވިފައިވާއިރު، ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ޒެފިއާގެ ޝަމްވީލް ޤާސިމްއެވެ. މީގެ އިތުރަށް މުޅި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންވެސްވަނީ ހޮވާފައެވެ.

މުބާރާތުގެ ޗެމްޕިއަންޓީމް އެފްސީ ބޭރުމައްޗަށް، މެޑެލް އަދި ފައިސާގެ އިނާމް ޙަވާލު ކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހުމާން ހެޕީމާކެޓުގެ ސީއީއޯ ޢަލީ އިޙުސެންނެވެ. މުބާރާތުގެ ރަނަރ އަޕް ޓީމް ފްރެންޑްސް ކުލަބަށް މެޑެލް އަދި ފައިސާގެ އިނާމް ޙަވާލު ކޮށްދެއްވީ އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރ މުޙައްމަދު ޔަސްރިފެވެ.