ޚަބަރު

ރާއްޖޭގެ ސްކޫލްތަކުގައި، ސްކޫލް ޓިވެޓް ޕްރޮގްރާމް ފަށަނީ!


އަސާސީ ތަޢުލީމު ފުރިހަމަކޮށް ނިކުންނަ ކުދިންނަކީ ވަޒީފާގެ ބާޒާރަށް ފައްކާވެފައިވާ ކުދިންނަށް ހެދުމަށް ރާއްޖޭގެ ސްކޫލްތަކުގައި، ސްކޫލް ޓިވެޓް ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކުރައްވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓރީއިން ސްކޫލް ޓިވެޓް ޕްރޮގްރާމްއެއް ފެށުމަށް ތައްޔާރުވަމުންދާއިރު، ސްކޫލްތަކުގައި ކުރިއަށްގެންދާ ދަސްވާރާއި ބީޓެކް ޕްރޮގްރާމްތަށް ރިވައިސްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ހިއްސާކުރައްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު އަހުމަދު ވިދާޅުވީ، ތަޢުލީމީ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަށް ހައްލުކޮށް ދާއިމީ ހައްލުތަކެއް ގެނައުމަށް 2019 އިން 2023 ހަށް ދެމިގެންދާގޮތަށް އަމަލުކުރާ އެޑިއުކޭޝަން ސެކްޓަރ ޕްލޭންގެ ދަށުން ދާއިރާގެ މަސައްކަތް ބައްޓަން ކުރަމުންދާކަމަށެވެ. އެގޮތުން މި ޕްލޭންގެ މަސައްކަތް ފެށުމުގެ ކުރިން ދާއިރާގައި ހުރި މައްސަލަތަށް ދެނެގަތުމަށް ސެކްޓަރ އެނަލިސިސްއެއް ހަދާފައިވާކަން ފާހަގަކުރައްވާ، ޑރ. އަބްދުﷲ ރަޝީދު އަހުމަދު ވިދާޅުވީ މި އެނަލިސިސް ދައްކާގޮތުން އަސާސީ ތަޢުލީމު ފުރިހަމަކުރާ ކުދިންގެ ކިބައިގައި ވަޒީފާގެ ބާޒާރުގެ ޑިމާންޑަށް ބޭނުންވާފަދަ ހުނަރުވެރިކަން ނެތްކަން ފާހަގަކުރެވިފައިވާކަމަށެވެ. މި ސަބަބައްޓަކައި އަސާސީ ތަޢުލީމު ފުރހަމަކުރުމަށްފަހު ވަޒީފާއެއް ނުލިބި ގިނަ އަދަދެއްގެ ކުދިންތަކެއް ތިބެންޖެހޭކަން ޑރ. އަބްދުﷲ ރަޝީދު އަހުމަދު ފާހަގަކުރެއްވިއެވެ.

މި މައްސަލަ ހައްލުކުރުމައްޓަަކައި، އަސާސީ ތަޢުލީމު ފުރިހަމަކޮށް ނިކުންނަ ކުދިންނަކީ ވަޒީފާގެ ބާޒާރަށް ފައްކާވެފައިވާ ކުދިންނަށް ހެދުމަށް ރާއްޖޭގެ ސްކޫލްތަކުގައި، ސްކޫލް ޓިވެޓް ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުންދާކަމަށް ޑރ. އަބްދުﷲ ރަޝީދު އަހުމަދު ހާމަކުރެއްވިއެވެ. އެގޮތުން މި ޕްރޮގްރާމް ޕްލޭންކޮށް ކޮންސެޕްޓް ޑިޒައިންކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަޑު: "އަޅުގަނޑުމެންގެ ސެކްޓަރ އެނަލިސިސްއިން ހާމަވީ ޖޮބް މާކެޓްއާއި ގްރޭޑް 10 ނިންމާ ކުދިންނާއި ބޮޑު ގެޕެއް އޮންނަކަން. އެއީ ޖޮބަށް ކޭޓަރ ވާފަދަ އެކަމަށް ތައްޔާރުވެފައިވާ ކިދިން ސްކޭލްތަކުން ނުނެރެވޭކަން ފާހަގަކުރެވޭ. މި މައްސަލަ ހައްލުކުރުމަށް ސްކޫލް ޓިވެޓް ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުން މިދަނީ. މިހާރު މި ޕްރޮގްރާމްގެ ކޮންސެޕްޓް ޑިޒަންކުރުމުގެ މަސައްކަތް ކުރަމުންދަނީ." ޑރ. އަބްދުﷲ ރަޝީދު އަހުމަދު ވިދާޅުވިއެވެ.

ސްކޫލް ޓިވެޓް ޕްރޮގްރާމްއެއް ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ތައްޔާރުވަމުންދާއިރު، ސްކޫލްތަކުގައި ކުރިއަށްގެންދާ ދަސްވާރާއި ބީޓެކް ޕްރޮގްރާމްތަށް ރިވައިސްކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު އަހުމަދު ފާހަގަކުރެއްވިއެވެ. އެގޮތުން މި ދެ ޕްރޮގްރާމްގެ އުސޫލުތަށް ހަރުދަނާކޮށް ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި މި ޕްރޮގްރާމްތަށް ލޯންޗުކުރުމަށް ހަމަޖެހިފައިވާކަމަށް ސްޓޭޓް މިނިސްޓަރ ފާހަގަކުރައްވާފައެވެ.

އަޑު: "މި އެޑިއުކޭޝްން ސެކްޓަރ ޕްލޭންގައި 4 ގޯލެއް ހިމެނޭ. މީގެ ބައެއް ކަންކަމަކީ ހަޔަރ އެޑިއުކޭޝަންގެ ދަށަށް އަންނަ ކަންކަން. އެގޮތުން ކުދިބޮޑު އެންމެން ހިމެނޭގޮތަށް ހުނަރިވެރިކަން ދަސްކޮށްދިނުމަށް މި ޕްލޭންގައި ހަމަޖެހިފައިވޭ. އެގޮތުން ޕޮލިޓެކްނިކްއިން މި މަސައްކަތުގައި ބައިވެރިވާނެ. އެޑިއުކޭޝަން މިނިސްޓްރީއިން މިހާރު ާ ދަސްވާރާއި ބީޓެކް ޕްރޮގްރާމްތަށް ރިވައިސްކުރުމުގެ މަސައްކަތް ކުރިއަށްދަނީ." ޑރ. އަބްދުﷲ ރަޝީދު އަހުމަދު ވިދާޅުވިއެވެ.

ތަޢުލީމީ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަށް ހައްލުކޮށް ދާއިމީ ހައްލުތަކެއް ގެނައުމަށް 2019 އިން 2023 ހަށް ދެމިގެންދާގޮތަށް އަމަލުކުރާ އެޑިއުކޭޝަން ސެކްޓަރ ޕްލޭންއެއް އެކުލަވާލާ އެޑިއުކޭޝަން މިނިސްޓްރީއިން އަމަލުކުރަންފަށާފައިވާއިރު، މި ޕްލޭންގެ ދަށުން 18 އަހަރުވަންދެން ކޮންމެ ކުއްޖަކީވެސް ތަޢުލީމު ފޯރުކޮށްދެވޭ ކުއްޖަކަށް ހެދުމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މި ޕްލޭންގެ 4 ގޯލެއްގެ ދަށުން މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ގުޅިގެން މި މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.