ޚަބަރު

ޢީދުދުވަހު މާލޭގައި ފައިމަގުގައި އުޅޭގޮތަށް ކަނޑައަޅައިފި


އަންނަ ފިޠުރު ޢީދުގެ ފުރަތަމަ ދެ ދުވަހުގެ ހަވީރު ވެރިރަށް މާލޭގައި ހިނގާފައި އުޅޭގޮތަށް މާލޭ ސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ. ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ މިމަހުގެ 4 ވާ އަންގާރަދުވަހެވެ.

އަންނަ ފިޠުރު ޢީދު ދުވަހުގެ ފުރަތމަ 2 ދުވަހު މާލޭގައި ފައިމަގުގައި އުޅޭގޮތަށް ހަމަޖައްސާފައިވަނީ ޢީދުދުވަހަކީ އެންމެން އުފާފާޅުކުރާ ދުވަހަށްވާތީ، އެ ފުރުޞަތު އެންމެ އެކަށީގެންވާ ގޮތަށް އެންމެންނަށް ހޯދައިދިނުމަށްކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. ފިޠުރު އީދު ދުވަހާއި، ޖެހިގެން އަންނަ ވަޅު އީދު ދުވަހު ހަވީރު 04:00 އިން ފެށިގެން އިރުއޮއްސި 06:30 ގެ ނިޔަލަށް މާލޭގެ މަގުތަކުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެއްކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އިންޖީނުލީ އުޅަނދުތައް ދުއްވުން މަނާކުރީ ރާއްޖޭގައި މީހުން އެންމެ ގިނައިން ދިރިއުޅެމުން އަންނަނީ މާލޭ ސިޓީގައި ކަމަށްވުމުން ފިޠުރު ޢީދުގެ އުފާ ފާޅު ކުރުމުގެ ގޮތުން ދޮށީ އުމުރުގެ މީހުންނާއި، ކުޑަ ކުދިންގެ އިތުރުން ޒުވާނުންވެސް އީދު ކުޅިވަރުގައި ބައިވެރިވެ އުޅުމަށްޓަކާއި މަގުމައްޗަށް ނިކުމެ އުޅުމުގެ ފުރުސަތު ދިނުމުގެ ގޮތުންކަމަށެވެ.

މީގެ ކުރިންވެސް މާލެ ސިޓީ ކައުންސިލާއި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ވަނީ ޢީދުދުވަސްފަދަ ފާހަގަކުރާ ޚާއްސަ ދުވަސްތަކުގައި މާލޭގައި ފައިމަގުގައި އުޅޭ ދުވަސްތަކެއް ކަނޑައަޅާފައެވެ.
ރާއްޖޭގެ އެހެން ރަށްތަކާއި ޚިލާފަށް މާލެއަކީ ކާރޫބާރުބޮޑު، ތޮއްޖެހުން ބޮޑުތަނަކަށް ވުމުން ހިތްހަމަޖެހުމާއެކު ހިނގާބިނގާވެ އުޅުމުގެ ފުރުޞަތު އޮންނަނީ ދަތިކަމަކަށް ވެފައެވެ. އެހެންނަމަވެސް މަދުންނަމަވެސް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިފަދަ ފުރުޞަތުތައް ހޯދައިދިނުމުން އެފަރާތްތަކަށް ޢާއިލާއާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފުރުޞަތު ލިބިގެންދެއެވެ.
މިފަހަރު ސިޓީކައުންސިލުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހަމަޖައްސާދޭ މި އިންތިޒާމްގެ ތެރެއިން އާއްމުރައްޔިތުންނަށް ޢީދުގެ އުފާވެރިކަން ހޯދުމަށް އާއްމުންގެ ތެރެއިން ކޮންމެ ފަރުދެއްގެވެސް އެއްބާރުލުން ދިނުމަކީ މުހިއްމުކަމެކެވެ.

އިންޖީނުލީ އުޅނަދު ދުއްވުން މަނާ ގަޑިތަކަގައި ނުދުއްވާ ފައިމަގުގައި އުޅުމަކީ އެންމެންގެ އެއްބާރުލުން ލިބިގެން ކުރެވޭނެކަމެކެވެ. މީގެ އެހެން އަހަރުތަކަށް ބަލާލާއިރުވެސް މިފަދަ ޚާއްސަ ދުވަސްތަކުގައި ސަރުކާރުން ނިންމާ މިފަދަ ނިންމުންތަކަށް ރައްޔިތުންގެ ތަރުޙީބު ވަރަށްބޮޑަށް ލިބިފައިވާކަން ފާހަގަކުރެވެއެވެ. ރައްޔިތުންގެ އެއްބާރުލުން ލިބުމުގެ ސަބަބުން ފައިމަގުގައި އުޅޭ ވަގުތުތަކުގައި މާލޭގެ ބޮޑެތި މަގުތަކަކުގައި އެކި ހަރަކާތްތައް ބޭއްވުމާއި އަވަށު ފެންވަރުގައި އެކި ހިސާބުގތަކުގައި އެކި ފެންވަރުގެ ހަރަކާތްތައް ބާއްވާ އެކިކަހަލަ ކުޅިވަރު ކުޅުމާއި ކެއިންބުއިމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުންވެސް އެހެންރަށްތަކާ އެއްގޮތަށް މާލޭގައިވެސް ޢީދުނަމާދަށް ފަހު ބައެއް ހިސާބުތަކުގެ މަގުތަކުގައި ޢީދު ސަޔަށް އިންސާފުކުރުންފަދަ ހަރަކާތްތައް ވަރަށް އުފާވެރިމާހައުލެއްގައި ކުރިއަށް ގެންދާތައް ފެނިފައިވެއެވެ. އެހެންކަމުން މިފަހަރުވެސް ޢީދުދުވަހު ޢާއިލާތަކާއި އަވަށްޓެރިން އެކުގައި ވަގުތު ހޭދަކުރާ އުފާވެރި މަންޒަރުތައް ފެނިގެންދިޔުމަކީ މިޢީދުގެ އުފާވެރިކަން އިތުރުވެގެންދާނެކަމެކެވެ.

ޢީދުގެ އުފާފާޅުކުރުމުގެ ހަރަކާތްތަކަށް ބަލާއިރު ހަރަކާތްތައް ފެށިގެންދަނީ ޢީދު ނަމާދަށް ފަހުއެވެ. މާލެއާ އެއްގޮތަށް ރާއްޖޭގެ އަތޮޅުތަކުގެ ރަށްތަކުގައިވެސް ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރެއެވެ.
މާލޭގައި މިއަހަރުވެސް ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މާލޭގައި ޢީދު ނަމާދުކުރާނީ މާފަންނު ސްޓޭޑިއަމްގައެވެ. ހުޅުމާލޭގައި ޢާޒީ ސްކޫލް ކުރިމަތީ އޮންނަ ހުސް ބިމުގައި ޢީދުނަމާދުކުރުމަށް ހަމަޖެހިފައިވާއިރު، ވިލިމާލޭގައި ޢީދު ނަމާދުކުރުމަށް ހަމަޖެހިފައިވަނީ ވިލިމާލެ ބޯޅަ ދަނޑުގައެވެ.

ޢީދު ނަމާދު ނަމާދަށް އަންނަ މީހުންނަށް ވެހިކަލް ޕާކުކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ މިފްކޯ ފިހާރަ ކުރިމަތިން އޮންނަ ވެލި ދަނޑުގައެވެ.