ޚަބަރު

އިސްލާމީ ބައެއް ޤައުމުތަކުގެ ޚަރިޖީ ދާއިރާގެ އިސްފަރާތްތަކާ ފޮރިން މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި


އިސްލާމީ ބައެއް ޤައުމުތަކުގެ ޚަރިޖީ ވަޒީރުންނާއި ޚަރިޖީ ދާއިރާގެ އިސްފަރާތްތަކާ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.

މާތްވެގެންވާ މައްކާގައި ކުރިއަށްދާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ 14ވަނަ ސަމިޓްގެ ހަވާސާގައި މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ، ފަލަސްޠީނުގެ ފޮރިން މިނިސްޓަރު ރިއާދް އަލްމާލިކީއާއި، ޖިބޫތީގެ ފޮރިން މިނިސްޓަރ މަޙްމޫދު އަލީ ޔޫސުފާއި ސެނަގާލްގެ ފޮރިން މިނިސްޓަރ އަމަޑައު ބާއާ ބައްދަލުކުރައްވައި، ރާއްޖެއާއި އެޤައުމުތަކާ ދެމެދު އޮންނަ ދޭދޭގުޅުން ބަދަހިކުރުމާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިނިސްޓަރ ޝާހިދުވަނީ ފަލަސްތީނުގެ ފޮރިން މިނިސްޓަރ ރިއާދް އަލްމާލިކީއާ ބައްދަލުކުރައްވައި ރާއްޖެއިން އަބަދުވެސް ފަލަސްޠީނުގެ ހައްޤުގައި ބައިނަލްއަޤްވާމީ މަސްރަހުގައި އަޑުއުފުލާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އަދި ޖިބޫތީގެ ފޮރިން މިނިސްޓަރ މަހުމޫދު އަލީ ޔޫސުފްއާއެކު ބޭއްވި ބައްދަލުވުމުގައި ރާއްޖެއާ އެޤައުމާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި ރާއްޖެއާއި ޖިބޫތީ ފަދަ ކުދި ޤައުމުތަކުން ޝައުގުވެރިވާ ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މީގެ އިތުރުން ސެނަގާލްގެ ފޮރިން މިނިސްޓަރ އަމަޑައު ބާ އާއިބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައިވަނީ ދެޤައުމުގެ ދޭދޭ ގުޅުން އިތުރަށް ވަރުގަދަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ޤައުމުތަކުގެ އިތުރުން މިނިސްޓަރ ޝާހިދުވަނީ ޔޫއޭއީގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްއާއި މޮރޮކޯގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް އާއި ކުވައިތުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ފޮރިންގ މިނިސްޓަރ ޝެއިޚް ސަބާހް އަލް ޚާލިދު އަލްސަބާހާ ބައްދަލުކުރައިވައި ޚާރިޖީ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.