ޚަބަރު

ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުރުހެލިވެގެން ބައިސްކަލެއް ލިބޭ ޕްރޮގްރާމެއް ފަށައިފި


ޢައިލާގެ މީހަކު ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓަލުމުން އެޢައިލާގައި ހިމެނޭ ކުޑަކުއްޖަކަށް ޚާއްސަ ބައިސްކަލެއް ލިބޭ ޕްރޮގްރާމެއް ބައިކް މޯލްޑިވްސްއާއި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން ފަށައިފިއެވެ. މިޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ޙުސެއިން ރަޝީދު ޙަސަންއެވެ.

ޢައިލާގެ މީހަކު ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާ ލުމުން އެޢާއިލާގައި ހިމެނޭ ކުޑަކުއްޖަކަށް ޚާއްސަ ބައިސްކަލެއް ލިބޭ މި ޕްރޮގްރާމުގައި ބައިވެރިވާ ކުޑަކުއްޖާގެ އާއިލާގެ އެ މެންބަރަކު ހުންނަންވާނީ ރާއްޖޭގައި ޤާއިމްކޮށްފައިވާ ސްމޯކިންގ ނުވަތަ ޓޮބޭކޯ ސެސޭޝަން ކްލިނިކެއްގައި ރަޖިސްޓަރ ވެފައިކަމަށް ކެންސަރ ސޮސައިޓީން ބުނެއެވެ. އަދި މި ކްލިނިކްތަކުގައި ރަޖިސްޓަރ ވީނަމަވެސް އެފަރާތަކުން ދުންފަތުގެ އިސްތިޢުމާލުކުރުމާއި ދުރުގައި ހުރޭތޯ އެފަރާތުން މޮނީޓަރ ކުރާނެކަމަށް ކެންސަރ ސޮސައިޓީން ވިދާޅުވެއެވެ.

މިޕްރޮގްރާމް ކުރިއަށްގެންދަނީ ދަމަނަވެށި ޓޮބޭކޯ ސެސޭޝަން ކްލިނިކާއި އޭޑީކޭ ޓޮބޭކޯ ސެސޭޝަން ކްލިނިކާއި އައިޖީއެމްއެޗްގެ ސްމޯކިންގ ސެސޭޝަން ކްލިނިކާއި ގުޅިގެންކަމަށް ކެންސަރ ސޮސައިޓީން މަޢުލޫމާތުދެއެވެ. މިޕްރޮގްރާމް އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ޙުސެއިން ރަޝީދު ވިދާޅުވީ މިޖުތަމަޢުގެ ކަންކަން މިހާރު ބައްޓަންވެފައިއޮތް ގޮތުން ބަލިވީމާ ޚަރަދުކުރަނީ ހަމައެކަނި ބަލިވާމީހާ ނޫންކަމަށާއި އެޚަރަދު ކުރަނީ މުޅި މުޖުތަމަޢުންކަމަށެވެ. އެހެންކަމުން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލައިގެން މިޚަރަދު ކުޑަކުރެވޭއިރު ދުންފަތާއި ދުރުވުމަށް މިނިސްޓަރވަނީ އިލްތިމާސްކުރައްވާފައެވެ.

ކެންސަރ ސޮސައިޓީއާއ ބައިކް މޯލްޑިވްސްއިން ކުރިއަށްގެންދާ މިޕްރޮގްރާމްގައި މިފަހަރު ބައިވެރިވެފައިވަނީ ރެހެންދި ސްކޫލްގެ ޢުމުރުން 12 އަހަރުގެ އިސްމާޢީލް ފަޒާލްއެވެ. މިޕްރޮގްރާމްގައި އަދި އެންމެ ފަރާތަކުން ބައިވެރިވީނަމަވެސް ޕްރޮގްރާމްގެ ޕްރޮގްރެސްއަށް ބެލުމަށްފަހު އިތުރު ފަރާތްތަކަށްވެސް ފުރުސަތު ހުޅުވާލާނެކަމަށް ކެންސަރ ސޮސައިޓީން ބުނެއެވެ. "ހުއްޓާލާ، ދުއްވާލާ، ދުޅަހެޔޮ ދިރިއުޅުމެއް ހޯދަމާ" މިޝިއާރުގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދާ މިޕްރޮގްރާމަކީ ތުރުކީވިލާތުގައި ކުރިއަށްގެންދާ ބައިކް ފޯރ ކިޑްސް ސްކީމްއަށް ބަލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.