ދުނިޔެ

ނޭޕާލަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1883 އަރައިފި


ނޭޕާލަށް އިއްޔެއައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1883ކަށް އަރައިފިއެވެ.ނޭޕާލްގެ ސަރުކާރުން ބުނީ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އަދަދު 1883ކައަށް އަރައިފި ކަމަށާ މަރުވި މީހުންގެ އަދަދު މިއަށްވުރެވެސް އިތުރުވުން އެކަށީގެންވާ ކަމަށެވެ.ރެކްޓަރ މިންގަނޑުން ހަތެއް ޕޮއިންޓް އަށެއްގެ ބާރުމިނުގައި އައި މިބިންހެލުމަކީ ފާއިތުވި 80 އަހަރުތެރޭގައި ނޭޕާލަށްއައި އެންމެ ވަރުގަދަ ބިންހެލުމެވެ.މިބިންހެލުން އައިސްފައިވަނީ ނޭޕާލްގެ ބުޚާރާއާއި ކަތްމަންޑޫއާ ދެމެދުގައިވާ ސަރަހައްދަށެވެ.މިބިންހެލުމުގެ ސަބަބުން ޒަޚަމްވެފައިވާ މީހުންނާއި ޙާލުގައިޖެހިފައިވާ މީހުންގެ އަދަދު އެތަށް ހާހަކަށް އަރާއިރު ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އެތަށް ބަޔަކު އަދިވެސް އެބަތިއްބެވެ. އެމީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންގެންދާކަމަށް ނޭޕާލުން ބުނެއެވެ.މިދަނޑިވަޅުގައި ނޭޕާލަށް އެހީތެރިވުމަށް އިންޑިޔާ، ޕާކިސްތާން، ޖަޕާން، ޗައިނާ އަދި އިނގިރޭސިވިލާތާއި އެމެރިކާ އިންވެސްވަނީ އިންސާނީ އެހީގެ ތަކެތި ފޮނުވާން ފަށާފައެވެ.ނޭޕާލަށް އައި ބިންހެލުމުގައި އެއްވެސް ދިވެއްސަކަށް އަނިޔާވި ކަމުގެ މައުލޫމާތު އަދި މިހާތަނަށް ލިބިފައިނުވާކަމަށް ދިވެހި ޚާރިޖިއްޔާއިން ވަނީ ބުނެފައެވެ. ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވީ، ނޭޕާލަށްއައި ބާރުގަދަ ބިންހެލުމުގެ ޚަބަރު ލިބުމާއެކު، ނޭޕާލުގައި ތިބި ދިވެހި ކިޔަވާ ކުދިންނާއި އެކުދިންގެ އާއިލާތަކުގެ ހާލު ބެލުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، އަދި މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު އެއްވެސް ދިވެއްސަކަަށް ބިންހެލުމުގެ ސަބަބުން އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ. ދުންޔާވަނީ ނޭޕާލުގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް މެދުވެރިކޮށް އެގައުމުގައި ތިބި ދިވެހި ކިޔަވާކުދިންގެ ހާލު ބަލާ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ވިދާޅުވެފައެވެ. އަދި މިކަމާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ޚާރިޖިއްޔާއަށް ހިއްސާ ކުރައްވަން ބޭނުންފުޅުވާނަމަ  7983400 ނަންބަރަށް ގުޅުއްވުމަށް ޚާރިޖިއްޔާއިން އެދިވަޑައިގަންނަވައެވެ.ނޭޕާލަށް އައި އައި ބާރުގަދަ ބިންހެލުމުގައި، ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ، ‏‏މުދަލަށާއި ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ‏‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏ ވަނީ  ނޭޕާލްގެ ބޮޑުވަޒީރު ސުޝިލް ކޮއިރަލާއަށް ‏‏ހަމްދަރުދީގެ މެސެޖެއްވެސް ފޮނުއްވާފައެވެ.‏‏ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ‏‏ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ނޭޕާލްގެ ‏‏ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މި ‏‏ޙާދިޘާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ‏‏މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.