ވިޔަފާރި

މާމުނަގައު ރިސޯޓު އަންނަ މަހު ހުޅުވަނީ


އިންޓަރކޮންޓިނެންޓަލް ހޮޓެލްސް ގްރޫޕް، އައި.އެޗް.ޖީން ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ރިސޯޓު "އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓު" އަންނަ ޖޫން މަހު ހުޅުވާގޮތަށް ހަމަޖެހިއްޖެއެވެ.

މި ރިސޯޓު ހުޅުވުމަށް ކުރިން ކަނޑައަޅާފައި އޮތީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. ރިސޯޓު ހުޅުވުމުގެ ތާރީޚު ބަދަލުވެފައިވާއިރު މިހާރު ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ ޖޫން 25 ވަނަ ދުވަހު ލަންޑަންގެ މެއިފެއަރގައި ބާއްވާ ހަފްލާއެއްގައެވެ.

ރ. އަތޮޅުގައި ތަރައްޤީކުރަމުން އަންނަ މި ރިސޯޓަކީ 83 ވިލާއާއެކު ތަރައްޤީކުރާ ރިސޯޓެކެވެ. މި ރިސޯޓު ތަރައްޤީކުރުމަށް ހޮޓެލް ޕްރޮޕަރޓީ ލިމިޓެޑާއިއެކު އިންޓަރކޮންޓިނެންޓަލް ހޮޓެލްސް ގްރޫޕްއިން ސޮއިކުރީ 2016 ވަނަ އަހަރުއެވެ.

އިންޓަރކޮންޓިނެންޓަލް ބްރޭންޑުން މާމުނަގައު ރިސޯޓު ހުޅުވުމުގެ ތައްޔާރީތައް ވަމުން އަންނައިރު މި ރިސޯޓަށް ބޭނުންވާ ސްޓާފުން ނެގުމަށްޓަކައި ރިސޯޓުން އޯޕަން ޑޭއެއް ވަނީ ބާއްވާފައެވެ.

މާމުނަގައު ރިސޯޓަކީ އައިއެޗްޖީ ބްރޭންޑުގެ ދަށުން ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ރިސޯޓް ކަމުގައި ވީނަމަވެސް، މި ގްރުޕުން ދަނީ ސިކްސް ސެންސަސް ލާމު އަދި ހޮލިޑޭ އިން ރިސޯޓު ކަނޑޫމާ މޯލްޑިވްސް ވެސް ހިންގަމުންނެވެ.

އައިއެޗްޖީއަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ލަގްޒަރީ ހޮޓާތަކާއި ރިސޯޓުތައް ހިންގާ ދުނިޔޭގެ ފެންވަރުގެ ހޮޓެލް ޗެއިނެކެވެ. މި ބްރޭންޑުގެ ދަށުން މިހާރުވެސް ދުނިޔޭގެ އެކި ޤައުމުތަކުގައި ފަސް ހާހަށްވުރެ ގިނަ ލަގްޒަރީ ހޮޓާތަކާއި ގެސްޓްހައުސްތައް ދަނީ ހިންގަމުންނެވެ.