ބާޒާރުގައި ކަރާގެ އަގު އުފުލިއްޖެއެވެ.
ރަމަޟާން މަސް ފެށިގެން އައިއިރު ކަރާގެ އަގު އުފުލިފައިވީނަމަވެސް ރޯދަމަހުގެ ވަކި ހިސާބަކުން ކާރާގެ އަގަށް ހެޔޮ ބަދަލުތަކެއް އައިސް ރަނގަޅު އަގެއްގައި ކަރާ ވިއްކިއެވެ. ނަމަވެސް ދަތުރުވެރިންގެ މާރުކޭޓުގައި ކަރާގެ އަގު އަނެއްކާވެސް މިވަނީ އުފުލިފައެވެ.
ދަތުރުވެރިންގެ މާރުކޭޓުގައި މިއަދު ކަރާ ކިލޯއެއް އުޅެނީ 25 ރުފިޔާ އަދި 30 ރުފިޔާއާއި ދޭތެރޭގައެވެ. މިއީ މީގެ ކުރިން 20އާއި 22ގައި ހުރި އަގުތަކެވެ.
މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތައް ބުނާގޮތުން މިދުވަސްކޮޅު ކަރާގެ އަގު އުފުލެނީ މާލެ އެތެރެކުރާ ކަރާ މަދުކަމުންނެވެ. އާންމު ގޮތެއްގައި މާލެއަށް ކަރާ އެތެރެކުރަނީ ތޮއްޑޫ ކަނޑޫދޫ އަދި ކާށިދޫއިންނެވެ. ވިޔަފާރިވެރިން ބުނާގޮތުން މި ރަށްރަށުން ކަރާ ލިބޭ މިންވަރު މިހާރު ވަރަށް މަދެވެ. އެހެންކަމުން ކުރިއަށްއޮތްތަނުގައި ކަރާ ކިލޯއެއްގެ އަގު 40 ރ އަށް އެރުން އެކަށީގެންވާކަމަށްވެސް ދަތުރުވެރިންގެ މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނެއެވެ.
ރަމަޟާން މަސް ފެށުނުއިރު ވެސް ކަރާގެ އަގު އުޅުނީ ވަރަށް މަތީގައެވެ. އޭރު ވިޔަފާރިވެރިން ބުނީ ކަރާގެ އަގު އުފުލުނީ މާލެއަށް ކަރާ ގެނައުމުގައި ދަތިތަކާއި ކުރިމަތުވުމުންކަމަށެވެ.
ބާޒާރުން ވިއްކާ އެހެނިހެން ބާވަތްތަކަށް ބަލާއިރު ފަތްޕިލާވެލީގެ ބާވަތްތަކާއި މޭވާގެ ބާވަތްތަކުގެ އަގު މިހާރު ހެޔޮކަމަށް ފާހަގަވެއެވެ. ވިޔަފާރިވެރިން ބުނީ ރޯދަމަސް ނިމެންދެން ވެސް މިބާވަތްތަކުގެ އަގުތަކަށް މާބޮޑު ބަދަލެއް ނާންނާނެކަމަށެވެ.