އެކި ރަށްރަށުގައިހުރި ތިމާވެއްޓަށާއި އިންސާނުންނަށް ނުރައްކާތެރި ކެމިކަލެއް ކަމަށްވާ 'ޕޮލީކްލޮރިނޭޓެޑް ބައިފީނައިލްސް (ޕީސީބީ)' އެކުލެވޭ ޓްރާންސްފޯމަރުތައް ނައްތާލުމަށް ނެޝަނަލް މެނޭޖްމެންޓް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް އެންވާރަމެންޓް މިނިސްޓްރީން ފަށައިފިއެވެ.
ތިމާވެއްޓަށާއި އިންސާނުންނަށް ނުރައްކާތެރި ކެމިކަލެއް ކަމަށްވާ ޕީސީބީ އެކުލެވޭ ޓްރާންސްފޯމަރުތައް ނައްތާލުމަށްޓަކައި އެންވަޔަރަމެންޓް މިނިސްޓްރީއާއި ޔުނައިޓެޑް ނޭޝަންސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން (ޔުނީޑޯ) ގުޅިގެން މިހާރު ވަނީ މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ.
އައްޑޫސިޓީ ކަައުންސިލުން ވިދާޅުވީ، މިޕްލޭން އެކުލަވާލުމަށްޓަކައި އެ ސިޓީ ކައުންސިލާއެކު މަޝްވަރާކުރެއްވުމަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ޓީމެއް އައްޑޫ ސިޓީއަށް ވަޑައިގެންފައިވާކަމަށެވެ. އަދި މި ޓީމުން މަޢުލޫމާތު ދެއްވި ގޮތުގައި، 1989 ވަނަ އަހަރުގެ ކުރިން ތައްޔާރުކޮށްފައިވާ ޓްރާންސްފޯމަރުތައް އައްޑޫއާއި ފުވައްމުލަކުގައި އެބަހުރި ކަމަށާއި އެތަކެތީގައި މިކެމިކަލް އެކުލެވޭ ކަމެށެވެ.
އެންވާރަމެންޓް މިނިސްޓްރީގެ ޓީމާ ހަވާލާދީ އައްޑޫ ސިޓީކައުންސިލުން ވިދާޅުވީ، ޕީސީބީ އެކުލެވޭކަމަށް ބެލެވޭ 6 ޓްރާންސްފޯމަރު އައްޑޫގައި ހުރިިއިރު އޭގެ ތެރެއިން މިހާރު ބޭނުންކުރަނީ 3 ޓްރާސްފޯމަރު ކަމަށެވެ. އަދި މިހާރު ތައްޔާރު ކުރެވޭ ޕްލޭނުގެ ބޭނުމަކީ އެތަކެތި ރާއްޖެއިން ބޭރަށް ގެންގޮސް ތިމާވެއްޓާއި ރައްޓެހިގޮތަކަށް ނައްތާލާނެ ގޮތުގެ ޕްލޭން އެކުލަވާލުން ކަމަށް ކައުންސިލުން ބުނެއެވެ. އަދި އެތަކެތި ނަގައި އޭގެ ބަދަލުގައި އެހެން ޓްރާންސްފޯމަރތަކެއް ބޭނުންކުރުމާ ގުޅޭގޮތުން ފެނަކާއާއި މިހާރު މަޝްވަރާކޮށްފައިވާކަމަށްވެސް ކައުންސިލުން ބުނެއެވެ.
ޕީސީބީ އަކީ ކެންސަރާއި އަދި ތަފާތު ނުރައްކާތެރި ބަލިތަކަށް ކުރިމަތިކުރުވާ އެއްޗެކެވެ. މިހާރު ދުނިޔޭގެ ޤައުމުތަކުގައި ޕީސީބީ ބޭނުންކުރުން ހުއްޓާލާފައިވީ ނަމަވެސް މިކެމިކަލަކީ އޭގެ އަސަރު ޒަމާންތަކަށް ދެމިގެންދާ އެއްޗެކެވެ. ކެންސަރަށް މަގުފަހިވާ ނުރައްކާތެރި ކެމިކަލެއް ކަމަށްވާ ޕީސީބީ ހިމެނޭ ތެލަކީ ޓްރާންސްފޯމަރުތަކުގައި ކުރިން ބޭނުން ކުރަމުން އައި އެއްޗެކެވެ.
މިތެލަކީ ޓްރާންސްފޯމަރު ތެލުގެ ނަމުގައި ބައެއް އާންމު ފަރާތްތަކުން ކުރިން ގައިގެ ހުޅުހުޅުގައި ރިއްސާތީ ފަރުވާއަކަށްވެސް ބޭނުން ކުރި އެއްޗެއްކަމަށްވެސް މަޢުލޫމާތު ލިބެއެވެ. ނަމަވެސް މިއީ ކެންސަރުފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހިވާއެއްޗެއްކަމުން އެފަދަ ކެމިކަލް އެކުލެވޭ ތަކެތި ހުރިނަމަ ވީ އެނެމް އަވަހަކަށް އައްޑޫ ސިޓީ ކައުންސިލާ ހަވާލު ކުރުމަށް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.