ތަރައްްޤީ

ވީ.އައި.އޭގެ ވެސްޓް އޭޕްރަންގެ ފުރަތަމަ ބައިގެ މަސައްކަތް ނިންމާލައިފި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ހުޅަނގު ފަރާތުގައި ތަރައްޤީކުރާ ވެސްޓް އޭޕްރަންގެ ފުރަތަމަ ބައިގެ މަސައްކަތް ނިންމާލައިފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލުން ބުނީ ހުޅުލޭގައި ތަރައްޤީކުރާ ވެސްޓް އޭޕްރަންގެ ފުރަތަމަ ބައިގެ މަސައްކަތް މިހާރު އެއްކޮށް ނިމި، ބޭނުންކުރުމަށް ތައްޔާރުވަމުންދާކަމަށެވެ. ޕޭވްމަންޓާއި ޓެކްސީލޭން ހިމެނޭހެން ފަރުމާކޮށްފައިވާ މި އޭޕްރަންގައި ކޯޑް-އީ މަރުކާގެ 5 އެއަރކްރާފްޓާއި، ކޯޑް-ސީ މަރުކާގެ 7 އެއަރކްރާފްޓް ހިމެނޭހެން ޖުމްލަ 12 އެއަރކްރާފްޓަށް ޕާކުކުރެވޭނެކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ.

އެއަރޕޯޓުގެ ވެސްޓް އޭޕްރަންގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާއިރު، ދެވަނަ ފިޔަވަހީގެ ދަށުން މިހާރުވެސް އެއަރކްރާފްޓްތައް ޕާކުކުރާ ސަރަޙައްދާއި، ޑޮމެސްޓިކް ޓަރމިނަލް ސަރަޙައްދު ހިމެނޭހެން ޕާކިންގ ސްޕޭސް އިތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވެސްޓް އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް އެމް.އޭ.ސީ.އެލުން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. މި މަސައްކަތްވެސް ކުރަމުންދަނީ އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތްކޮށްފައިވާ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީ.ޔޫ.ސީ.ޖީއިންނެވެ. ވީ.އައި.އޭއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކާ އަލަށް ތަރައްޤީކުރާ ވެސްޓް އޭޕްރަންއަކީ ގާތްގަނޑަކަށް 70 ހާސް އަކަމީޓަރުގެ ޖާގައިގެ އޭޕްރަނެކެވެ. ވެސްޓް އޭޕްރަންގެ ފުރަތަމަ ބައިގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާއިރު، އެއަރޕޯޓުގައި މީގެ ކުރިންވެސް ވަނީ ނޯތް އޭޕްރެނެއް ހަދާފައެވެ.

ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމަށްޓަކާ ސަރުކާރުން ފަށާފައިވާ 1 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢުގެ ތެރެއިން، އެއަރޕޯޓަށް ބޭނުންވާ ތަފާތު ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް މިހާރުވެސް ދަނީ ކުރަމުންނެވެ. އެގޮތުން ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓުތައް ޖެއްސޭ ފެންވަރަށް ކޯޑް-އެފް ސްޓޭންޑަޑުގެ އައު ރަންވޭއެއް ހަދާ ނިންމާފައިވާއިރު، އައު ސީޕްލޭން ޓަރމިނަލަކާއި، ފިއުލް ފާރމް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ.

މީގެ އިތުރުން، އަލަށް ތަރައްޤީކުރާ ކާގޯ ކޮމްޕްލެކްސްގެ ފައުންޑޭޝަންގެ މަސައްކަތައް ގާތްގަނޑަކަށް ނިމި، ސްޓްރަކްޗަރ އެތުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ހަމައެހެންމެ އައު ޕަސެންޖަރ ޓާރމިނަލާއި، ވީ.އައި.ޕީ ލައުންޖް ތަރައްގީކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.