ތައުލީމާއި ބެހޭ ވަޒީރު ޑރ އައިޝަތު ޝިހާމް ތ. އަތޮޅުގެ ހުރިހާ ރަށެއްގެ ސްކޫލުތަކަށް، ޒިޔާރާތްކުރައްވާ އެތަންތަނުގެ ހާލަތު ބައްލަވާލައްވައިފިއެވެ.ތައުލީމާއި ބެހޭ ވަޒީރު ޑރ އައިޝަތު ޝިހާމް ތ އަތޮޅަށް ކުރެއްވި ދަތުރު ފުޅުގައި އަތޮޅުތަކުގެ ރައްޔިތުންނާއި ސްކޫލްތައް ހިންގަވާ ވެރިންނާއި ޕީޓީއޭގެ މެންބަރުންނާއި ބެލެނިވެރިންނާއި ބައްދަލުކޮށް ތައުލީމީ ނިޒާމަށް ގެނެވުނު ބަދަލުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.މި ދަތުރު ފުޅުގެ މައިގަނޑު އަމާޒަކީ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ތަޢާރަފް ކޮށްފައިވާ މަސައްކަތްތެރިކަމުގެ ޕްރޮގްރާމްތައް ސްކޫލްތަކާއި ބެލެނިވެރިންނާއި ހިއްސާކުރުން ކަމުގައި އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.އެމް.ބީ.ސީ ނިއުސްއާއި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވީ އެމިނިސްޓްރީން އަލަށް ތާއާރަފް ކުރެއްވި އާމަންހަޖާއި ގުޅިގެން އަންނަ ބަދަލުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށެވެ. އަދި އޮންލައިން ކޯސްތަކަކީ އަތޮޅުތެރޭގައި ސްކޫލްތައް ހަރުދަނާ ކުރުމަށް ބޭނުންކުރެވޭނެ ވަރަށް ރަނގަޅު ނިޒާމެއްކަމަށް ވެސް މިނސްޓަރ ވިދާޅުވިއެވެ.އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވީ އެމިނިސްޓްރީން ޒުވާނުންނަށް ހުޅުވާލައިގެން ކުރިޔަށްގެންދާ ފާމަސީ ކޯސްތަކާއި ސްމޯލް އެންޑް މީޑިއަމް ބިޒްނަސް ގެ ދާއިރާއިން ފަށާ ކޯސްތަކާއި ބެހޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރަށު ކައުންސިލާއި ޒުވާނުންގެ ތަރުހީބު މިކަމަށް ލިބުނުކަމަށް މިނިސްޓަރ ވިދާޅުވި. މިފަދަ ކޯސްތައް ފުޅާވެގެން ދިޔަވަރަކަށް ޒުވާން ކުދިންނަށް ފަހި ދުވަސްތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ތ އަތޮޅުގެ ތޭރަ ރަށެއްގެ ސްކޫލަކަށް މިނިސްޓަރ ވަނީ ޒިޔާރާތްކުރައްވާފައި،އަދި މި ދަތުރުފުޅުގައި ސްކޫލްތަކުގެ މެނޭޖްމަންޓާއި ޕީޓީއޭގެ އިތުރުން ސްކޫލް ބޯޑު މެންބަރުނާ ބައްދަލުކުރައްވާ އެ ސްކޫލުތައް ހިންގުމުގައި ހުރި ދަތިތަކާއި ހައްލުކުރެވެން ހުރި ކަންކަމާމެދު މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ސްކޫލުތަކުން ނެރެމުންދާ ނަތީޖާ އިތުރަށް ރަނގަޅު ކުރެވިދާނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި ކުރިމަގުގައި އިތުރު އަތޮޅުތަކުގެ ސްކޫލްތަކަށް ޒިޔާރަތް ކުރަން ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރުގެ ދަތުރު ފުޅުގައި އެ މިނިސްޓްރީގެ އިސްވެރިން ހިމެނިވަޑައިގަންނަވާއިރު، ރަށްރަށުގެ ޕްރީ ސްކޫލް ތައުލީމުގެ ހާލަތުވެސް އެޑިޔުކޭޝަން މިނިސްޓްރީންވަނީ ބަލާ ވަޒަންކޮށްފައެވެ.