ކާނާ

ރެސިޕީ : ކެޔޮފީނި


ފަތްކޭލުގެ ބާވަތްތަކުން މާޅޮސް ކޭލަކީވެސް ދިވެހިންގެ މެދުގައި މަޤުބޫލު އެއްޗެކެވެ. މި ފަހަރުގެ ރެސިޕީ މި ހާއްސަކޮށްލަނީ މާޅޮސް ކޭލުން ތައްޔާރުކޮށްލެވޭ ފޮނި މީރު އެއްޗަކަށެވެ.

ބޭނުންވާ ތަކެތި

- 8 ވައް މާޅޮސްކެޔޮ
- 1 ޖޯޑު ހަނޑޫ (މިކްސަރުން ގިރާފަ)
- 1 ޖޯޑު ހަކުރު
- 1 ޖޯޑު ކާށީ ބޯކިރު
- މާފެން
- ކާށި ފެންކިރު

ހައްދަވާނެގޮތް

މާޅޮސްކެޔޮ ތޮށިމައްޓަވާފަ ތުނިކޮށް ވަށްފޮއްޗަށް ކޮއްޓަވާށެވެ. އުނދުންމައްޗަށް ތެލި އުއްދެވުމަށްފަހު ކެޔޮކޮޅު އަޅުއްވާށެވެ. އަދި ފެންކިރުފޮދު އަޅުއްވާ ލައްވާށެވެ. ކެޔޮފޮތިތައް މަތިން ފެންއަރާވަރަށް ފެންކިރު އަޅުއްވާށެވެ. އެއަށްފަހު މަޑުވަންދެން ކައްކަވާށެވެ.

ތެލީގައި މަތިޖެއްސެވުމުން ކެޔޮތައް އަވަހަށް މަޑުވާނެއެވެ. ކެޔޮފޮތިތައް މަޑުވުމުން އުދުޅިއެއްފަދަ އެޗަކުން ކުޑަކޮށް ޗަސްކޮށްލައްވާށެވެ. ރަނގަޅަށް ޗަސްކޮށްލެއްވުމަށްފަހު ކުޑައިރުކޮޅަކު ބަހައްޓަވާށެވެ. އެއަށްފަހު ހަކުރުކޮޅު އަޅުއްވާށެވެ. އަދި ރަނގަޅަށް އެއްކޮށްލެއްވުމަށްފަހު ގިރުއްވާފައި ހުރި ހަޑޫކޮޅު އަޅުއްވާށެވެ. އޭގެފަހުގައި ބޯކިރުފޮދު އަޅުއްވާށެވެ.

އެއަށްފަހު ރަހަލާވަރަށް މާފެންފޮދެއް އަޅުއްވާލައްވާށެވެ. އެއަށްފަހު ކުޑައިރުކޮޅެއްވަންދެއް ކައްކާލައްވާށެވެ. ބޭނުންފުޅުވެލައްވާ ދިޔާމިނަކަށް ބެހެއްޓެވުމަށް ފެންކިރު އަޅުއްވާށެވެ. ދެން ދެމިނިޓެއްހާއިރު ކައްކަވާލެއްވުމުން ހުންނާނީ ރަނގަޅަށް ކެކިފައެވެ.

ފިހުނުމަސްފަދަ އެއްޗަކާއެކު ފަރިއްކުޅުއްވަން ވަރަށްމީރު އެއްޗެއްކަމުގައި ވާނެއެވެ.