ވިޔަފާރި

ހުސްވިމަހު އިންފްލޭޝަން ރޭޓް 0.40 އިންސައްތަ މައްޗަށް


ހުސްވި އޭޕްރިލްމަހު ރާއްޖޭގެ އިންފްލޭޝަން %0.40 މައްޗަށް ހިނގައްޖެއެވެ.

ޑިޕާޓްމަންޓް އޮފް ނެޝަނަލް ޕްލޭނިންގއިން ނެރެ އާއްމުކޮށްފައިވާ ރާއްޖޭގެ ބާޒާރުގެ އަގުތައް ހުރިގޮތް ދައްކުވައިދޭ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މާޗްމަހާއި އަޅާބަލާއިރު، ހުސްވި އޭޕްރިލްމަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 0.40 އިންސައްތަ މައްޗަށްގޮސްފައެވެ. މަހުގެ އަގުތަކަށް އައި ބަދަލުތަކާއި ނުލައި ބަލައިފިނަމަ އިންފްލޭޝަން ރޭޓް ހުރީ %0.62 ގައެވެ

އޭޕްރިލްމަހު އިންފްލޭޝަން ރޭޓް އެންމެ މައްޗަށްގޮސްފައިވަނީ، މޭވާގެ ބާވަތްތަކުންނާއި، ރެސްޓޯރަންޓް އަދި ކެފޭތަކުގެ އިތުރުން ސައިކަލްގެ ބައިންނެވެ. މީގެ ތެރެއިން މޭވާގެ ބާވަތްތަކުގެ އިންފްލެޝަން %21.68 މައްޗަށްގޮސްފައިވާއިރު، ރެސްޓޯރެންޓް އަދި ކެފޭތަކުގެ ބައިގެ އިންފްލޭޝަން ވަނީ %4.24 މައްޗަށްގޮސްފައެވެ. އަދި ސައިކަލް ބައިގެ އިންފްލޭޝަން ވަނީ %7.35 މައްޗަށްގޮސްފައެވެ.

ހުސްވިމަހު ބާޒާރުގައި އަގުތައް ދަށަށް ގޮސްފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ، މަހުގެ އަގުތައް %1.89، ތަރުކާރީގެ އަގުތައް %3.64، ވީޑިއޯއާއި އޯޑިއޯ ރެކޯޑްކުރުމާއި ޖެހުމަށް ބޭނުންކުރާ އާލާތްތަކުގެ އަގުތައް %3.64 އަދި ގޯތިގެދޮރުގައި ބޭނުންކުރާ އެއްޗެހިން %1.36 އެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަހަރުގެ ޖެނުއަރީމަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 0.21 އިންސައްތަ ދަށަށްގޮސްފައެވެ. ޖެހިގެން އައި ފެބްރުއަރީމަހު އިންފްލޭޝަން ރޭޓް 0.32 އިންސައްތަ މައްޗަށްދިއުމަށްފަހު ޖެހިގެންއައި މާޗްމަހު އިންފްލޭޝަން ރޭޓް ވަނީ، 0.21 އިންސައްތަ ދަށަށްގޮސްފައެވެ.