ތަޢުލީމު

ކުއްލިއްޔާގެ ދަސްވެނިވުމުގެ ޖަލްސާ ބާއްވައިފި


ކުއްލިޔަތުއް ދިރާސާތުލް އިސްލާމިއްޔާ އިސްލާމިކް ޔުނިވަރސިޓީއަކަށް ބަދަލުވެގެންދިއުމާއެކު، އެ މައުކަޒަކީ ރާއްޖޭގައި ދީނީ ޢިލްމު ކުރިއެރުވުމުގެ މައިގަނޑު ބަހާއަށް ވެގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަޙީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްދާ 2014ވަނަ އަހަރުގެ ކުއްލިއްޔާއިން ދަސްވެނިވި ދަރިވަރުންނަށް އެކަމުގެ ސަނަދު ހަވާލުކުރުމަށްޓަކައި މިއަދު ހެނދުނު ދަންފަޅީގައި ކުއްލިއްޔާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ކުއްލިއްޔާ އިސްލާމިކް ޔުނިވަސިޓީއަކަށް ބަދަލުކުރުމާބެހޭ ޤާނޫނު ކުރިއަށްއޮތް ދެހަފުތާއެއްހާދުވަސް ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްވާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.ކުއްލިއްޔާއަކީ ރާއްޖޭގެ ޢިލްމީ ހަޔާތުގައި ވަރަށް މުހިންމު މުއައްސަސާއެއް ކަމަށާއި ވޭތުވެދިޔަ ތިރީހަކަށް އަހަރު އެތަނުން ރާއްޖެއަށް އެތައް ޚިދުމަތްތަކެއް ފޯރުކޮށްދެއްވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން އެ މުއައްސަސާއިން ދޭ ޚިދުމަތްތައް އާއުސްމިންތަކަކަށް ގެންގޮސް އެޚިދުމަތްތައް އިތުރު ދާއިރާތަކަށް ފުޅާ ކުރުމަކީ ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް ކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.ޝަހީމް ވިދާޅުވީ ޝަރީއާ އެކަނި ކިޔަވައިގެން ނުކުތުމުން ދަރިވަރުންނަށް ބޮޑު އެއްޗެއް އުނިވާކަމަށާއި މިޒަމާނުގެ ޓެކްނޮލޮޖީއާއި ޒަމާނީ ވަސީލަތްތަކަށް ދަރިވަރުން ހޭލުންތެރިވާންޖެހޭ ކަމަށެވެ. އެހެންކަމުން ޝަރީއަތުގެ އިލްމުގެ އިތުރުން މިޒަމާނުގެ އިލްމާއި ޓެކްނޮލޮޖީ ބޭނުންކުރަންޖެހޭގޮތް ދަރިވަރުންނަށް ދަސްކޮށްދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.ފާއިތުވެދިޔަ އަހަރު ކުއްލިއްޔާއިން ހިންގި ކޯސްތަކުގެ ތެރެއިން ބެޗްލާސް ޑިގްރީ ހާސިލްކުރި 74 ދަރިވަރަކަށް ސަނަދު ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމްއެވެ. މީގެ އިތުރުން 42 ދަރިވަރަކު ޑިޕްލޮމާއިން ސަނަދު ހާސިލްކޮށްފައިވެއެވެ. އަދި ސެޓްފިކެޓް ލެވެލްގެ އެކި ދަރަޖަރަކުން 140 ދަރިވަރަކު ވަނީ ސަނަދު ހާސިލްކޮށްފައެވެ.