ޚަބަރު

ކުޅުދުއްފުށީ ލޯކަލް މާރުކޭޓްގެ ގޮޅިތައް ލިބުނު ފަރާތްތަކާއި ހަވާލުކޮށްފި


ހދ ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ ލޯކަލް މާރުކޭޓްގެ ގޮޅިތަށް ގުރުއަތުން ހޮވުނު ފަރާތްތަކާ ހަވާލު ކޮށްފިއެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ، މިހާތަނަށް ހުރިހާ ގޮޅިތަކެއް ހަވާލުކޮށް ނިމިފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެތަނުގެ ހިދުމަތް ރައްޔިތުންނަށް ލިބެންފަށާނެކަމަށް ލަފާކުރައްވާކަމުގައި ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ ތަނުގެ ސެކިއުރިޓީއާއި މެއިންޓަނަންސް ކަންކަން ބެލެހެއްޓުމަށް 4 މުއައްޒަފުން ނެގުމަށް ކައުންސިލުން މިހާރު އިއުލާން ކޮށްފައިވާކަމަށެވެ. މި މުއައްޒަފުން ތިބޭނީ ކައުންސިލްގެ މުއައްޒަފުންގެ ގޮތުގައެވެ. މާރުކޭޓްގެ ގޮޅިތަކަށް ކުލި ދެއްކުމާ ފައިސާގެ މުއާމަލާތްތަށް ގެންދާނީ ކައުންސިލް އިދާރާއިންނެވެ.

ކުޅުދުއްފުށީގައި އަލަށް އިމާރާތްކުރި މާރުކޭޓުގެ ހިދުމަތް ލިބެންފެށުމާއެކު މިހާރު ދިވެހި އުފެއްދުންތައް ވިއްކަމުންދާ "ވަނި" ޢިމާރާތުގެ ދެކުނުން އޮންނަ ސަރަހައްދުގައި ތަކެތި ވިއްކަމުންދާ ފަރާތްތަކަށް އެތަނުގައި އެމަސައްކަތް ނުކުރެވޭނެކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެއެވެ.