ޚަބަރު

ޔަމަންގެ ސުލްޙައިގެ ވާހަކަތަކުގައި އދން ވަކިކޮޅަކަށް ބުރަވާކަމަށް ކުރާ ތުހުމަތުތައް އެ ޖަމާޢަތުން ދޮގުކޮށްފި


ޔަމަންގެ ސުލްޙައިގެ ވާހަކަތަކުގައި ވާދަވެރި އެއްވެސް ފަރާތެއްގެ ކޮޅަށް އދ ބުރަނުވާ ކަމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުތޭރޭޝް ވިދާޅުވެއްޖެއެވެ.

ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީއަށް ފޮނުއްވި ސިޓީއެއްގައި ގުތޭރޭޝް ވަނީ ޔަމަންގެ ސުލްޙައިގެ ވާހަކަތަކުގައި އދގެ މަންދޫބު މާޓިން ގްރިފިތްސް ހޫޘީންގެ ކޮޅަށް ބުރަވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ހާދީ ކުރެއްވި ތުހުމަތުތައް އިންކާރު ކުރައްވާފައެެވެ. ގުތޭރޭޝް ވިދާޅުވީ އދ އަކީ ނަޒާހަތްތެރި މެދުވެރިއެއް ކަމަށާއި، މިކަމުގައި އެއްވެސް ފަރާތަކުން އދއަށް ގޯސް ތުހުމަތުތަކެއް ކުރުމަކީ ހިތާމަ ހުރިކަމެއް ކަމަށެވެ.

މި މޭމަހުގެ ސާދަވަނަ ދުވަހު އދން ވަނީ ޔަމަންގެ ބަނދަރު ރައްތައް ކަމަށްވާ ހުދައިދާ، ސަލީފް އަދި ރައްސުއީސާ އިން ހޫޘީންގެ ބާރުތައް ފޭބިކަން އިޢުލާންކޮށްފައެވެ. އެހެންނަމަވެސް ހާދީގެ ސަރުކާރުންވަނީ އދން ބުނިގޮތަށް އެކަން ނުހިނގާކަމަށް ބުނެ، ހޫޘީންގެ ކޮޅަށް ބުރަވާކަމުގެ ތުހުމަތު އދގެ މަންދޫބު މާޓިން ގްރިފިތްސްގެ މައްޗަށް ކޮށްފައެވެ.

އެއަށްފަހު ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީވެސް ވަނީ އދގެ މަންދޫބު، ހޫޘީންގެ ބަސް މާބޮޑަށް ގަބޫލުކުރައްވާކަމަށް ތުހުމަތު ކުރައްވައި ވާހަކަދައްކަވާފައެވެ. އެހެންނަމަވެސް މާޓިން ގްރިފިތްސް ވަނީ އެކަން ދޮގުކުރައްވާފައެވެ.