ޚަބަރު

ސަޢޫދީ އަރަބިއްޔާއިން ދިން ކަދުރުތައް އައްޑޫސިޓީގައި މިއަދު ބަހަން ފަށައިފި


ސަޢޫދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި ކަދުރުގެ ތެރެއިން އައްޑޫސިޓީގެ ރައްޔިތުންނަށް ދެވޭ ކަދުރު މިއަދު ބަހަން ފަށައިފިއެވެ.

އައްޑޫސިޓީގައި ބެހުމަށް ދީފައިވަނީ 2675 ޕެކެޓް ކަދުރެވެ. އައްޑޫގެ ގޭބިސީތަކުގެ އަދަދަކީ 5346 އެވެ.
އޭގެތެރެއިން އައްޑޫސިޓީގައި ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ގޭބިސީތަކުގެ އަދަދަކީ ޖުމްލަ 400 ގެ ކަމަށް ކައުންސިލުން ބުނެއެވެ.

ކަދުރު ބެހުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހަމަޖައްސަވާފައިވަނީ މީހުން ދިރިއުޅޭ ގޭބިސީތައް ބެލުމަށްފަހު 2018 ވަނަ އަހަރު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރުގެ އުޞޫލުންނެވެ. އެއަށްފަހު ބާކީވާ ކަދުރު އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ފުރަތަމަ އިސްކަންދޭ އުޞޫލުން ގޭބިސީއަކަށް އެއް ޕެކެޓް ކަދުރު ބެހުމަށް ވަނީ ހަމަޖެހިފައެވެ.

ގޭބިސީތަކަށް ކަދުރު ދޫކުރާނީ އެގޭބިސީއެއްގެ ސައްޙަކަން އަންގައިދޭ ލިޔުމާއި ކަދުރާއި ހަވާލުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ލިޔުން ގެނައުމުންނެވެ. ގޭބިސީއަކީ ކުއްޔަށް ހިފައިގެން ދިރިއުޅޭ ތަނެއްނަމަ ގެންނަން ޖެހޭނީ ދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ އަސްލެވެ.

އްއަޑޫސިޓީ ކައުންސިލުން ވިދާޅުވީ ކަދުރު ބެހުން ކުރިއަށްދާނީ އައްޑޫސިޓީގެ އަވަށު އޮފީސްތަކުން ރަސްމީ ދުވަސްތަކުގެ ހެނދުނު 9:15 އިން މެންދުރުފަހު 13:00 ހަމައަށްކަމަށެވެ.