ކުޅިވަރު

ޑީއެފްސީ މައްޗަށް ކުރި ހޯދައި، އަކުއާ ޕެރެޑައިސް ފައިނަލަށް


ތިނަދޫ ކައުންސިލުގެ ފުޓްސަލް މުބާރާތުގައި މިރޭ ކުޅުނު ސެމީފައިނަލްގެ ދެވަނަ މެޗުގައި ޑީއެފްސީ މައްޗަށް ކުރި ހޯދައި އަކުއާ ޕެރެޑައިސް ފައިނަލުން ޖާގަ ހޯދައިފިއެވެ. މި މެޗު އަކުއާ ޕެރެޑައިސް ކާމިޔާބުކުރީ 4 ލަނޑު 5 ލަނޑުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އަކުއާ ޕެރެޑައިސްއިން ލީޑު ނެގީ މެޗު ފެށިތާ މާ ގިނަ އިރެއް ނުވަނީސް، އެޓީމުގެ އަހުމަދު ޒައިދް މުހައްމަދު ޖެހި ދެ ގޯލާ އެކުއެވެ. އެ ހާފުގައި ޑީއެފްސީއަށް ޖެހުނީ އެންމެ ލަނޑެކެވެ. އެލަނޑު ޑީއެފްސީއަށް ކާމިޔާބުކޮށްދިނީ ހަސަން ރަޝީދެވެ.

ދެ ޓީމުންވެސް ދެވަނަ ހާފުގައި ޑިފެންސް ވަރުގަދަކޮށް އެޓޭކިންގ ކުޅުމެއް ކުޅެން މަސައްކަތްކުރިކަން ފާހަގަވެއެވެ. އެގޮތުން ދެވަނަ ހާފުގައި ޑީއެފްސީ ތިން ލަނޑު ޖެހި އިރު، އަކުއާ ޕެރެޑައިސްވެސް ވަނީ ތިން ލަނޑު ޖަހާފައެވެ. ޑީއެފްސީއަށް ލަނޑު ޖަހައިދިނީ ހުސައިން ރާޒީއާއި އަހުމަދު ރަޝީދު އަދި މުހައްމަދު ރަމީޒެވެ. އަކުއާ ޕެރެޑައިސްއަށް ދެވަނަ ހާފުގައި ލަނޑު ޖަހައިދިނީ އަލީ ސަމޫހު ހަސަނާއި އަހުމަދު ބިލާލެވެ. އަހުމަދު ބިލާލު ވަނީ ދެވަނަ ހާފުގައި ދެ ލަނޑު އަކުއާ ޕެރެޑައިސްއަށް ޖަހައިދީފައެވެ.

މިމަހުގެ 28 ވަނަ ދުވަހުގެ ރޭ އޮންނަ މި މުބާރާތުގެ ފައިނަލުގައި އަކުވާ ޕެރަޑައިސް ނުކުންނާނީ މިރޭ ކުޅުނު ސެމީފައިނަލްގެ ފުރަތަމަ މެޗު ކާމިޔާބުކުރި މަސެއްރާ އާއި ދެކޮޅަށެވެ.

ތިނަދޫ ކައުންސިލްގެ ފުލް ސްޕޮންސާގެ ދަށުން ބާއްވާ މި މުބާރާތުގެ އެއްވަނައަށް ދާ ޓީމަކަށް ހުށަހަޅާފައިވަނީ 50،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. އަދި ދެވަނަ އަށް ދާ ޓީމަކަށް ހުށަހަޅާފައިވަނީ 20،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.