ކުޅިވަރު

ބޭނުންވަނީ ދެވަނަ ތަށިވެސް ދިފާއުކޮށް ސަޕޯޓަރުން އުފާކޮށްދޭން - ވަލްވާޑޭ


ވެލެންސިއާއިން ލީގުގައިވެސް ތަފާތު ދެއްކި ކަމަށާއި، އެއީ ބަލިކުރަން ފަސޭހަ ޓީމެއް ނޫން ކަމަށް، ބާސެލޯނާގެ ކޯޗް އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.

ވަލްވާޑޭ މިހެން ބުނީ، ކޮޕަ ޑެލްރޭގެ ފައިނަލުގައި މިރޭ ވެލެންސިއާ އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.

ވަލްވަޑޭ ބުނީ، މިވަގުތު ހުރިހާ ވިސްނުމެއްވެސް ހުރީ ދެވަނަ ތަށިވެސް ދިފާޢުކުރަން ކަމަށާއި، އިތުރު އެއްވެސް ކަމަކަށް މިވަގުތު ސަމާލުކަން ނުދޭކަމަށެވެ. އަދި ވެލެންސީއާއަކީ ދެރަ ޓީމެއް ނޫން ކަމަށާއި ސީޒަންގެ ކުރީކޮޅު އެޓީމުގެ ނަތީޖާތައް އެހާ ރަނގަޅު ނޫން ކަމުގައި ވިޔަސް ލަލީގާ ނިންމާލީ ރަނގަޅު ފޯމެއްގައި އޮވެގެން ކަމަށްވެސް ވަލްވާޑޭ ބުންޏެވެ.

ވަލްވާޑޭ ބުނީ، ޗެމްޕިއަންސް ލީގުގެ ހިތި ނަތީޖާއަށްފަހު، ފާއިތުވި ސީޒަންގައިވެސް ކާމިޔާބުކުރި ދެ ތަށި މިފަހަރުގެ ސީޒަންގައި ދިފާއުކުރެވުން ވެގެންދާނީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ވަލްވާޑޭ ބުނީ ބާސާއަކީ ކަންކަމާއި ކުރިމަތިލާން ކެރޭ ޓީމެއް ކަމަށާއި ބޭނުންވަނީ ވެދިޔަތަން ހަނދާން ނައްތާލުމަށްފަހު އަނެއްކާވެސް ސަޕޯޓަރުން އުފާކޮށްދޭން ކަމަށެވެ.