ތިމާވެށި

ގަމުން ލޭންޑިންގ ކްރާފްޓަށް ރުއްބަރުކޮށްފައިވަނީ ކައުންސިލުން ހުއްދަ ދީގެން - ކަސްޓަމްސް


ލ. ގަމުން ލޭންޑިންގ ކްރާފްޓަކަށް ރުއްބަރުކޮށްފައިވަނީ އެރަށުގެ ކައުސިންލުން ހުއްދަދީގެންކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރިސޯޓް ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ރާއްޖެއިން ބޭރުގެ ލޭންޑިންގ ކްރާފްޓަކަށް ލ.ގަމުން ރުއް ބަރުކުރާކަމުގެ މަޢުލޫމާތު އެ އިދާރާއަށް ލިބުމާއެކު، އެ މައްސަލަ އިތުރަށް ބެލިބެލުމުން އެކަން ކޮށްފައިވަނީ ލ. ގަން ކައުންސިލުން ހުއްދަދީގެންކަން އެނގިފައިވާކަމަށެވެ. ނަމަވެސް މި މައްސަލަ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީއާ ގުޅިގެން އިތުރަށް ބަލަމުން ދާކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ. ރާއްޖެއިން ބޭރުން އަންނަ އުޅަނދު ފަހަރު ކަސްޓަމްސްގެ ހުއްދަ ނެތި ބަނދަރުކުރުމާއި، ގޮސްއައިސްވުމާއި، އެ އުޅަނދު ފަހަރަށް ތަކެތި އަރުވާ ބޭލުމަކީ ކަސްޓަމްސްގެ ޤާނޫނާއި ޤަވާއިދުގެ ދަށުން މަނާކަމެކެވެ.

ފަހަކަށް އައިސް ރާއްޖޭގެ ބައެއް ރަށްރަށުން ރުއްގަސް ކަނޑައިގެން އެކި ތަންތަނަށް ގެންދާކަމުގެ ޝަކުވާ ބައެއް އާއްމުން ދަނީ ސޯޝަލް މީޑިއާގައިވެސް ފާޅުކުރަމުންނެވެ. އަދި އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި އެ ފަރާތްތަކުން ފާޅުކުރަމުންދެއެވެ.

އެންވަޔަރަމަންޓު މިނިސްޓްރީއިން ވިދާޅުވެފައިވަނީ އެއްރަށުން އަނެއް ރަށަށް ރުއްގަސް ގެންދިއުމުގެ ހުއްދަ ދެނީ، އެރަށުގެ އެހެން ސަރަޙައްދުތަކުގައި ގަސް އިންދުމަށް ޖާގަ ނެތުމުގެ ސަބަބުން ގަސްތައް ނައްތާލުމުގެ ބަދަލުގައި، ބޭނުންޖެހިފައިވާ އެހެން ރަށްތަކުގައި ގަސްތައް އިންދުމުގެ ފުރުޞަތު ދިނުމަށްކަމަށެވެ. އަދި ޤަވާއިދާ އެއްގޮތަށް އެކަން ކުރާ ފަރާތްތަކަށް އެއްވެސް ހުރަހެއް ނާޅާނެކަމަށާއި، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.