ޚަބަރު

ނެތެމުންދާ ކަނޑުގެ ދިރުންތަކުގެ "ގެ"


މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުތަކުން ކުދި ޖަޒީރާ ރަށްތަކަށް ކުރާ ނެދެވޭ އަސަރުގެ ވާހަކައާއި ކަނޑުތަކާއި ފަރުތައް ހިމާޔަތްކުރުމުގެ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ދިވެހިރާއްޖޭގެ %99 އަކީ ކަނޑު ކަމަށްވާއިރު، ކަނޑުގެ ދިރުންތަކަށް އަންނަ ކޮންމެ ބަދަލެއްވާނީ ރާއްޖޭގެ ކުދިކުދި ރަށްތަކަށާއި، ފަރުތަކަށާއި ދިވެހިންގެ ދިރިއުޅުމަށްވެސް ސީދާ އަސަރު ކުރާނެ ކަމަކަށެވެ.

ދިވެހި ރާއްޖެއަށް ވަންނަ އާމްދަނީގެ 80 އިންސައްތައަށްވުރެ ބޮޑުބައެއް ހިއްސާކުރަނީ ގުދުރަތީ ވަސީލަތްތަކުން ހޯދާ އާމްދަނީއެވެ.
ފަތުރުވެރިކަމާއި، މަސްވެރި ކަމަކީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ މައި ދެ ސިނާއަތަށްވާއިރު، ދިވެހި ރާއްޖޭގެ "ސެލިންގ ޕޮއިންޓް"އަކީ ރާއްޖޭގެ ގުދުރަތީ ކަނޑުތަކާއި ގޮނޑުދޮށްތައްކަމީ ކަށަވަރު ކަމެކެވެ.

ދިވެހި ރާއްޖެއަށް ލިބިފައިވާ ޤުދުރަތީ ވެށީގެ މުއްސަނދިކަމަކީ ދައްކާ ހުސްނުވާނެ ވާހަކައެކެވެ. ބަލާލި ކޮންމެ ދިމާލަކުން ފެންނަ ނޫ ކަނޑާއި، ފެހި ގަސްތަކާއި ހުދު ދޮންވެލި ގޮނޑުދޮށްތައް ރަމްޒުކޮށްދެނީ ގުދުތަރުން ރާއްޖެއަށް ލިބިފައިވާ މުއްސަނދިކަމެވެ.

މުޅި ދުނިޔެއަށް ބަލާއިރުވެސް ރާއްޖެއަކީ ގުދުރަތީގޮތުން މުއްސަނދި ޤައުމެކެވެ. ދުނިޔޭގެ ފަރުތަކުގެ ލިސްޓަށް ބަލާއިރު ރާއްޖެއަކީ 5 ވަނައަށް އެންމެ ބޮޑު ފަރުގެ ނިޒާމާއި، މޫދުގެ ދިރުންތައް އެންމެ ގިނަ ޤައުމެވެ. ދުނިޔެއިން ނެތެމުން އަންނަ އެތައް ބާވަތެއްގެ ކަނޑުގެ ދިރުންތަކުގެ "ގެ"އަކީވެސް ރާއްޖޭގެ ފަރުތަކާއި ކަނޑުތައްކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން މިހާރުވެސް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި 1100އަށްވުރެ ގިނަ ބާވަތުގެ މަސް ދިރިއުޅެއެވެ. މީގެތެރޭގައި ފަރުތަކުގައި ދިރިއުޅޭ މަހާއި ކަނޑު މަހުގެ އެކި ބާވަތްތައް ހިމެނެއެވެ. އަދި ބޮޑުމަހާއި ކޯމަހުގެ 21 ބާވަތެއްވެސް ހިމެނެއެވެ. ވެލައަކީވެސް ރާއްޖެއިން ވަރަށް ގިނައިން ފެންނަ، އަދި ފަރުތުވެރިންގެ މެދުގައިވެސް ވަރަށް މަޤްބޫލު ދިރުމެކެވެ. ރާއްޖޭގައި ފަސް ބާވަތަށްވުރެ ގިނަ ބާވަތުގެ ވެލާ ދިރިއުޅެއެވެ. މީގެއިތުރުން 145އަށްވުރެ ގިނަ ވައްތަރުގެ ކަކުންޏާއި، 48 ބާވަތެއްގެ އިހި ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅެއެވެ.

ރާއްޖޭގެ ރަށްތަކުގެ ގުދުރަތީ ރީތިކަން އެންމެ ބޮޑަށް ދައްކުވައިދޭ ހުދު ސާފު ދޮންވެލި ތުނޑިތަކާއި ގޮނޑުދޮށްތަކުގެ ހިމާޔަތުގައި މުހިންމު ދައުރެއް އަދާކުރާ އެއް ދިއުން ކަމަށްވާ މޫދު ވިނައިގެ 5 ބާވަތެއްވެސް ރާއްޖޭގެ މޫދުގައި ހެދެއެވެ.

މީގެއިތުރުން ދެން އެންމެ ފާހަގަކޮށްލެވޭ އެއްޗަކީ "އަލްގޭ"އެވެ. އަލްގޭއަކީ ކާބަންޑައިއޮކްސައިޑްފަދަ ތިމާވެއްޓަށް ނުރައްކާވާ މާއްދާތައް، އޮކްސިޖަންއަށް ބަދަލުކުރާ މުހިންމު ގުދުރަތީ ވަސީލަތެކެވެ. ފެހިކުލައިގެ ކުދިކުދި އެތިކޮޅު ތަކެއްގެ ގޮތުގައި އުފެދޭ އަލްގޭއަށް އަހަރަމެން ކިޔަނީ ފެއްސެވެ. ވައި ސާފުކުރުމުގައި އަލްގޭ މިހާ މުހިންމު ދައުރެއް އަދާކުރާއިރު، ރާއްޖޭގެ ކަނޑުގައި އަލްގޭ އާއިލާގެ 285 ވައްތަރު އުޅެއެވެ.

ރާއްޖޭގެ ފަރުތަކާއި، ފަރުތަކުގެ މުރަކައިގެ ބަގީޗާތަކުގެ ރީތިކަމަކީ ރާއްޖެއަށް އަންނަ ގިނަ ފަތުރުވެރިންގެ މަޤުބޫލުކަން ލިބިފައިވާ އަދި މިއީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ސަބަބެވެ. ރާއްޖޭގެ ފަރުތައް ރައްކާތެރިގޮތުގައި ބަަލަހައްޓަންޖެހެނީ މިއީ އެތައް ކަނޑުގެ ދިރުމެއް ހެދިބޮޑުވާ މާޙައުލަށް ވުމުން އެކަންޏެއް ނޫނެވެ. މިއީ ރާއްޖޭގެ ނާޒުކު ރައްތައް ކަނޑުގެ ބިޔަ ރާޅުތަކުން ޙިމާޔަތްކޮށްދޭ އެންމެ މުހިންމު ވަސީލަތެވެ. ރަށްގިރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގައި ފަރުތައް މުހިންމު ދައުރެއް އަދާކުރެއެވެ.

ނަމަވެސް ފަހަކަށް އައިސް ފެންނަ މަންޒަރު ތަފާތެވެ. އިންސާނުން މޫދަށް އަޅާ ކުނީގެ ސަބަބުން ކަނޑުގެ ދިރިންތައް ނެތި ދިއުމުގެ ބިރު މިވަނީ ހީވެފައެވެ. ޕްލާސްޓިކާއި، އެކިކަހަލަ ކުންޏަކީ ކަނޑުގެ އެތައް ދިރުމެއް ނެތިދިޔުމުގެ އަސްލުކަަމަށް ދިރާސާތަކުން ދައްކައެވެ. ފެން ތަޤައްޔަރުވުމާއި، މަސްމަހާއިމެއްސާއި އެހެނިހެންވެސް ކަނޑުގެ ދިރުންތަކަށް ޕްލާސްޓިކް ފަދަ ތަކެތީގެ ނުރައްކާ މިވަނީ ކުރިމަތިވެފައެވެ. ޕަލާސްޓިކް ކެވުމުގެ ސަބަބުން މަރުވާ ދިރުންތަކުގެ އަދަދުވެސް އިތުރުވަމުންދާކަން ދިރާސާތަކުން ދައްކައެވެ.

ސަރުކާރާއި ބައެއް އަމިއްލަ ޖަމްޢިއްޔާތަކުން ކަނޑުގެ ދިރުންތައް ޙިމާޔަތް ކުރުމަށް މަސައްކަތްކޮށް، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް މަސައްކަތް ކުރިނަމަވެސް، މިކަމުގެ އެދެވޭ ނަތީޖާއެއް ފެންނަ ތަނެއް ނުފެނެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މިއީ ހަމަ އެކަނި ސަރުކާރާއި ޖަމްޢިއްޔާ ޖަމާއަތްތަކަށް ކުރެވޭނެ ކަމެއް ނޫނެވެ. މިކަމުގައި ފަރުދީ ޒިންމާ މުހިންމެވެ.

ތިމާ މޫދަށް އެއްލާލާ އެންމެ ކޮތަޅަކުން ނުވަތަ ޕްލާސްޓިކް ފުޅިއަކުން ތިމާވެއްޓަށް ކުރާނީ ކޮން އަސަރެއްތޯ މި ސުވާލު ހިތައް އަރާއިރު، އެފަދަ ކިތައް މީހުން މޫދަށް އެގޮތަށް ކުނި އުކާނެތޯ ހިތަށް ނާރާތޯއެވެ. ފަރުދީ ޒިންމާ ނަގަން ނުޖެހޭތޯއެވެ. ތިމާ ދިރިއުޅޭ ވެށި ނޭގިނަމަވެސް ތިމާގެ އަތުން ހަލާކުކޮށްލެވޭއިރު އެކަމާ ފުންކޮށް ވިސްނާލަން ނުވޭތޯއެވެ.

ކަނޑުގެ ދިރުންތަކަށް ދެވޭ ގެއްލުމަކީ، ނޭނގި ތިބެ ނަމަވެސް އަމިއްލަ ރަށްތަކާއި، އަހަރެމެންގެ މައިގަނޑު ކެއުންކަމުގައިވާ ކަނޑު މަހުގެ އާބާދީ ދަށްވުމަށް ދިމާވާ ސަބަބަށްވުން ދުރެއް ނޫނެވެ. ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ ނަގާނަމަ ސަރުކާރާއި އެޖި ޖަމްޢިއްޔާތަކުން ތިމާވެށި ރައްކާތެރިކުރަން ކުރާ ބުރަ މަސައްކަތް ކުރަން ނުޖެހޭނެ ކަމީ ޔަޤީން ކަމެކެވެ. ތިމާ ދިރިއުޅޭ ވެށި ތިމާގެ އަތުން ހަލާކުވެ ދިއުމުގެ ކުރިން ވެށި ރައްކާތެރިކުރުމުގައި ތިމާގެ ދައުރާމެދު ވިސްނާލަމާތޯއެވެ. ރާއްޖެއަށް ލިބިފައިވާ ޤުދުރަތީ ރީތިކަން ބީވެ ދިއުމުގެ ކުރިން އެ ރީތިކަން ދަމަހައްޓަން އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އަތުކުރި އޮޅާލުން މުހިންމެވެ.