ކުޅިވަރު

އަފްގާނިސްތާން ޤައުމީ ޓީމުގެ ކީޕަރު އަޒީޒީ މާޒިޔާއަށް


އަފްގާނިސްތާން ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު އޮވޭސް އަޒީޒީ މާޒިޔާއަށް ސޮއިކޮށްފިއެވެ. އަފްގާނިސްތާންގެ ގޯލްކީޕަރު އޮވޭސް އަޒީޒީ މާޒިޔާއާއި ގުޅިފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުންނެވެ. ކީޕަރު އަޒީޒީއަކީ ސްކޮޑް ވަރުގަދަ ކުރުމަށް މިއީ މާޒިޔާއަށް ގެނައި ފުރަތަމަ ބިދޭސީ ކުޅުންތެރިޔާއެވެ.

އިންޑިއާގައި 2015 ވަނަ އަހަރު އޮތް ސާފް ސުޒުކީ ކަޕްގައި އަގްފާނިސްތާންގެ ގޯލް ބަލަހައްޓާފައިވަނީ އޮވޭސް އަޒީޒީއެވެ. އޭނާވަނީ ވޯލްޑް ކަޕް ކޮލިފައިން އާއި އޭޝިއަން ކަޕް ކޮލިފައިންގައިވެސް ޤައުމީ ޓީމަށް ކުޅެފައިއެވެ. 27 އަހަރުގެ ގޯލްކީޕަރު އޮވޭސް އަޒީޒީގެ އިތުރުންވެސް އިތުރު ބިދޭސީ ދެ ކުޅުންތެރިން ގެންނަން މާޒިޔާއިންވަނީ ނިންމާފައެވެ.

މިއަހަރުގެ ސީޒަންއަށް މާޒިޔާ ވަރުގަދަ ކުރުމަށް އެޓީމްއިންވަނީ ގިނަ ކުޅުންތެރިންތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ނިއުއަށް ކުޅުނު ހަމްޒާ މުހައްމަދު އާއި އަހުމަދު އަބްދުﷲ، ޓީސީއަށް ކުޅުނު އިބްރާހިމް މަހުދީ، އަބްދުﷲ ހަނީފް (ބެންޖޯ)، އިބްރާހީމް ވަހީދު އަދި މިދިޔަ އަހަރު ވިކްޓްރީއަށް ކުޅުނު ހުސެއިން ނިހާން ފާހަގަކޮށްލެވެއެވެ.