ވިޔަފާރި

އައްޑޫ އަދި ފުވައްމުލަކު ސިޓީގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަން އިންސްޕެކްޓްކުރަނީ

ޓޫރިސްޓުންނަށް ޙިދުމަތްދޭ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓުއަރިޒަމް މިނިސްޓްރީން ހިންގާ އިންސްޕެކްޝަންތައް އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ފަށައިފިއެވެ.

މި އިންސްޕެކްޝަންތައް ޓުއަރިޒަމް މިނިސްޓްރީން ކުރިއަށްގެންދަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާ ގުޅިގެންނެވެ.

ޓޫރިސްޓުންނަށް ޙިދުމަތްދޭ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި ޓުއަރިޒަމް މިނިސްޓްރީން ވަނީ އިންސްޕެކްޝަންތަކެއް ފަށާފައެވެ. މި އިންސްޕެކްޝަންތަކުގެ ތެރޭގައި ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދޭ ހުރިހާތަނެއް 6 މަސްދުވަހާއި 8 މަސްދުވަހުގެ ތެރޭގައި އިންސްޕެކްޓްކޮށް ނިމޭނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގައި ހިތާމަވެރި ހާދިސާތަކެއް ހިނގަމުންދާތީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން މިހާރު ޙާއްސަ ކޮމެޓީއެއްވެސް ވަނީ އެކުލަވާލާފައެވެ. މި ކޮމިޓީގެ ބެލުމުގެ ދަށުން ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދޭ ހުރިހާ ތަނެއް ޤާނޫނާއި ޤަވައިދަށް އަމަލުކުރޭތޯ ބަލައި އިންސްޕެކްޓްކުރާނެއެވެ.

މި އިންސްޕެކްޝަން ނިމިގެންދާއިރު ޙިދުމަތްދޭ ތަންތަނުގެ ހުރިހާ ކަމެއް ދެނަގަނެވޭނެކަމަށާއި، މިއީ ދާއިރާ ކުރިއެރުވުމަށް ލިބޭނެ ރަނގަޅު ފުރުސަތެއްކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.