ކުޅިވަރު

އައިއޯއައިޖީގައި ޓީޓީގެ އަމާޒަށް ދެވޭނެކަމުގެ ޔަގީންކަން ދީމާ ހޯދައިދީފި - ޝާޒިލް


ކުރިއަށްއޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަން މެޑަލް ހޯދަން ކަނޑައަޅާފައިވާ ޓާގެޓް ހާސިލްކުރެވޭނެކަމުގެ ޔަގީންކަން، ޒުވާން ޓީޓީ ކުޅުންތެރިޔާ ދީމާ އަލީ ހޯދައިދީފިކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އެކްސްކޯ މެމްބަރ އަޙުމަދު ޝާޒިލް ބުނެފިއެވެ.

ޝާޒިލް ބުނީ ދީމާއަކީ ޓީޓީގައި މިހާރުވެސް ރާއްޖެއަށް އަގު ނުކުރެވޭފަދަ ކާމިޔާބީތައް ހޯދައިދެމުން އަންނަ ކުޅުންތެރިއެއް ކަމަށާއި، ކުރިއަށް އޮތް އައިއޯއައިޖީގައިވެސް ޓީޓީގެ ޓާގެޓް ހާސިލް ކުރެވޭނެ ކަމުގެ ބޮޑު ޔަގީންކަމެއް ދީމާ ހޯދައިދީފި ކަމަށެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޓީޓީއިން އަމާޒުހިފާފައިވަނީ ރަން މެޑަލް ހޯދުމަށެވެ.

ޝާޒިލް ބުނީ، އޭޝިއާ ހޯޕްސްއިން ރިހި މެޑަލް ހޯދައި ވޯލްޑް ހޯޕްސްއިން ޖާގަ ލިބުމުން، އައިއޯއައިޖީއަށް ކުރިމަތިލާއިރު ވަރަށް ބޮޑު އިތުބާރެއް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން މިހާރު ކުރަމުންދާ ވަރުގަދަ ފަރިތަކުރުންތަކާއި އެކު މުބާރާތުން ރަންމެޑަލް ނުހޯދޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް ޝާޒިލް ބުންޏެވެ.

"ދީމާ އަކީ މިހާރު ރާއްޖޭއިން އެންމެ އަގުވަޒަން ކުރަން ޖެހޭ ޓީޓީ ކުޅުންތެރިޔާ، ވޯލްޑް ހޯޕްސްއިން ޖާގަ ލިބުމަކީ މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ، މިކާމިޔާބީ އާއިއެކު އައިއޯއައިޖީގައި އަޅުގަނޑުމެންގެ ޓާގެޓް ހާސިލްވާނެ ކަމުގެ ޔަގީންކަން ދީމާ ހޯދައިދީފި." ޝާޒިލް ބުންޏެވެ.

ގައުމީ ޓީޓީ ޓީމުން އަންނަނީ އައިއޯއައިޖީއަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާގެ އެކަޑަމީ އަކާއި ގުޅިގެން ރާއްޖޭގައި ވަރުގަދަ ފަރިތަކުރުންތަކެއް ކުރަމުންނެވެ.

އަދި މުބާރާތައް ފުރުމުގެ ކުރިން ތަޖުރިބާގެ ގިނަ މެޗުތަކެއް ކުޅުމަށް މަޖެހިފައިވާ ކަމަށްވެސް ޓީޓީ އެސޯސިއޭޝަނުން މަޢުލޫމާތުދެއެވެ.