ޚަބަރު

އައްޑޫ ސިޓީގައި އިމިގްރޭޝަނަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި


މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން އައްޑޫސިޓީ ކައުންސިލާއި ބައްދަލުކުރައްވައި އެ އިދާރާއަށް އައްޑޫ ސިޓީން ދިމާވާ ދަތިތަކާއި ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލާއި މަޝްވަރާ ކުރައްވައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އައްޑޫސިޓީ ކައުންސިލާއި ކުރެއްވި ބައްދަލުވުމުގައި އައްޑޫގައި އިމިގްރޭޝަނުގެ މަސައްކަތް ހިންގެވުމުގައި މިހާރުހުރި އޮފީހުގެ ޖާގައިގެ ދަތިކަން ހައްލު ކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން ވަނީ މަޝްވާރާ ކުރައްވާފައެވެ.

އައްޑޫސިޓީ ކައުންސިލުން ވިދާޅުވީ އައްޑޫ އިމިގްރޭޝަނުގެ ޖާގައިިގެ ދަތިކަން ހައްލުކުރުމަށް، ކުއްޔަށް އެހެން އިމާރާތެއް ހިފުމާއި ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ އެގޮތަށް މަޝްވަރާ ކުރެވުނުކަމުގައިވިޔަސް، އަދި އެއިން އެއްވެސް ކަމެއް ނިންމަވާފައިނުވާ ކަމަށެވެ.

ކައުންސިލުން ވިދާޅުވީ، އައްޑޫސިޓީ އިމިގްރޭޝަން އޮފީހުގެ ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން އިތުރު މުވައްޒަފުން ނެގުމަށްވެސް އިމިގްރޭޝަނަށް ދަތިތަކަކާއި ކުރިމަތިިލާން ޖެހިފައިވާ ކަމަށެވެ. މީގެ އިތުރަށް ކައުންސިލުން ވިދާޅުވީ އައްޑޫސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި އިމިގްރޭޝަންގެ ޚާއްސަ ކައުންޓްރެއް ހުންނައިރު، ޤަވާއިދާއި ޚިލާފަށް އައްޑޫސިޓީއަށް އެތެރެވާ ބިދޭސީން ހިފެހެއްޓުމުގެ ހުއްދަ ލިބިފައިވީނަމަވެސް ބޭނުންވާ ބައެއް ވަޞީލަތްތައް ނެތުމުގެ ސަބަބުން އެކަން އައްޑޫގައި ކުރުމަށް ގިނަ ދަތިތަކެއް ހުރި ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

ވަޒީފާއަށް އަލަށް ރާއްޖެ ގެންނަ ބިދޭސީން ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން އެތެރެވެވޭނެ އިންތިޒާމް ހަމަޖައްސާފައިވަނީ މިއަހަރު ތެރޭގައެވެ. ރާއްޖެއަށް އަލަށް ވަޒީފާއަށް ގެންނަ ބިދޭސީން މީގެކުރިން ރާއްޖެ އެތެރެވެވެނީ ހަމައެކަނި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންވީނަމަވެސް، މިއީ އަލަށް ވަޒީފާއަށް އަންނަ ބިދޭސީން އެހެން އެއަރޕޯޓަކުން ރާއްޖެ އެތެރެވެވޭނެ އިންތިޒާމެއް ހަމަޖެއްސި ފުރަތަމަ ފަހަރެވެ.