ކުޅިވަރު

ދީމާގެ ކާމިޔާބީގެ އަގުވަޒަންކޮށް ފުރުސަތުތަށް ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރާނަން - މަހުލޫފް


ދީމާގެ ކާމިޔާބީގެ އަގުވަޒަންކޮށް އިތުރު ފުރުސަތުތަށް ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ކުޅުވަރާއިބެހޭ ވަޒީރު އަޙުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

އޭޝިއާ ހޯޕްސްގެ ރިހި މެޑަލްއާއިއެކު ދީމާ ރާއްޖެ އައުމުން، ދީމާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން މަރުޚަބާ ދެންނެވުމަށްފަހު ވާހަކަ ދައްކަވަމުން، މިނިސްޓާރ މަހުލޫފް ވިދާޅުވީ، އުމުރުން އެންމެ އެގާރަ އަހަރުގައި ދީމާ، މިފަދަ ކާމިޔާބީތަށް ހޯދައި ރާއްޖެ ފަޚުރުވެރި ކޮށްދޭތީ އެކަމާ އުފާކުރާ ކަމަށާއި، މި ކާމިޔާބީތަށް ހޯދައިދިނުމަށް ދީމާގެ އާއިލާއިށް ކުރާ މަސައްކަތްތަކަށް ސަރުކާރުން ދެވެންއޮތް ކޮންމެ އެއްބާރުލުމެއްވެސް ދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިނިސްޓާ މަހުލޫފް ވިދާޅުވީ، ސައުތް އޭޝިއަން ހޯޕްސްއިން ދީމާ ރަންމެޑަލް ހޯދުމާއި އެކު ރަޢީސް އިބްރާހިމް މުޙައްމަދު ސާލިހް އާއި ދީމާގެ ކާމިޔާބީ ހިއްސާކުރެއްވި ކަމަށާއި، އަދި ދީމާގެ ޓްރެއިނިންގެ ކަންތައްތަކާއި އަދި އިތުރު ފުރުސަތުތަށް ހޯދައިދިނުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ.

"އުމުރުން އެންމެ އެގާރަ އަހަރުގައި ދީމާ މި އަންނަނީ ގައުމަށް ރީތި ނަންތަކެއް ހޯދައިދެމުން، ސައުތް އޭޝިއަން ހޯޕްސްއިން ރަންމެޑަލް ގެނައުމުންވެސް އަޅުގަނޑުވާނީ ރަޢީސްއަށް އެކަން ހިއްސާކޮށްފައި، ސަރުކާރުން ދީމާއަށް އިތުރު ފުރުސަތުތަށް ހޯދައިދީ ފަރިތަކުރުންތަށް ހޯދައިދޭންވެސް މަސައްކަތް ކުރާނަން." މިނިސްޓާ މަހުލޫފް ވިދާޅުވިއެވެ.

އޭޝިއާ ހޯޕްސްއިން ދީމާ ރިހި މެޑަލް ހޯދިއިރު، ފާއިތުވި އަހަރު އިންޑިއާގައި ބޭއްވި ސައުތް އޭޝިއަން ހޯޕްސްއިން ދީމާ ވަނީ ރަން މެޑަލް ހޯދާފައެވެ. އަދި މިމުބާރާތުން ހޯދި ކާމިޔާބީއާއިއެކު ދީމާއަށް ވަނީ ވޯލްޑް ހޯޕްސްއިން ޖާގަ ލިބިފައެވެ.