ޚަބަރު

ދެމެހެއްޓެނިވި ތަރައްޤީ ޙާސިލްކުރުމަށް ޤާނޫނު ތަންފީޒުކުރުމާއެކު އެންމެންގެ އެއްބާރުލުން ބޭނުން- އެވާރަމެންޓް މިނިސްޓަރ


ދެމެހެއްޓެނިވި ތަރައްޤީ ޙާސިލްކުރެވޭނީ ޤާނޫނާއި ޤަވާއިދުތަކާއި ސިޔާސަތުތައް އެކަށީގެންވާގޮތެއްގައި ތަންފީޒުކޮށް އެންމެންގެ އެއްބާރުލުން އެކަމަށް ލިބިގެންކަމަށް މިނިސްޓަރ އޮފް އެންވާރަމެންޓް ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

އެންވާރަމެންޓް މިނިސްޓަރ މިހެން ވިދާޅުވީ، ބައިނަލްއަޤުވާމީ ބަޔޯޑައިވާސިޓީ ދުވަސް ފާހަގަ ކުރުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައެވެ.

މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ، ދިވެހިރާއްޖެއަކީ މެރިން ބަޔޯޑައިވަރސިޓި ނުވަތަ ކަނޑުގެ ދިރުންތަކަށް ބަލާއިރު މުޅި ދުނިޔެއިންވެސް ފާހަގަކޮށްލެވޭ ފަދަ ޚާއްސަކަމަކާއި މުއްސަނދިކަމެއް ލިބިފައިވާ ޤައުމެއްކަމަށެވެ. ދިވެހިރާއްޖޭގެ ފަރުގެ ނިޒާމަކީ ދުނިޔޭގެ 7 ވަނައަށް އެންމެ ބޮޑު ފަރުތަކުގެ ނިޒާމުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، މި ފަރުތަކުގެ ނިޒާމަކީ، ދިވެހިރާއްޖޭގެ ރަށްތައް ގުދުރަތީ އެކިއެކި ކާރިސާތަކުން ހިމާޔަތްކޮށްދިނުމަށް އެންމެ ބޮޑަށް އެހީވާ ގުދުރަތީ ނިޒާމުކަމަށެވެ. އެހެންކަމުން މި ފަރުތައް ރައްކާތެރިކުރުމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ދެމެހެއްޓެނިވި ތަރައްޤީ ޙާސިލްކުރެވޭނީ ހަދާފައިހުރި ގާނޫނުތަކާއި ގަވާއިދުތައް އަދި ސިޔާސަތުތައް ތަންފީޒުކޮށް، އެންމެންގެ ޢަމަލުތައްވެސް ދެމެހެއްޓެނިވި ތަރައްޤީގެ އުސޫލުތަކާއި އެއްގޮތަށް ބައްޓަންކޮށްގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ކޮބައިތޯ ބަޔޯޑައިވާސިޓީ އަކީ؟ ބަޔޯޑައިވާސިޓީ އަކީ އަޅުގަނޑުމެން ކޮންމެދުވަހަކު ކެއުމަށް މި ބޭނުންކުރާ ކާނާގެ ބާވަތްތައް. ބަޔޯޑައިވާސިޓީ އަކީ އަޅުގަނޑުމެން ބޯ ފެން. ބަޔޯޑައިވާސިޓީ އަކީ އަޅުގަނޑުމެންގެ ވަށައިގެން މި ވާ ގުދުރަތީ މާހައުލު. މުޅި ދުނިޔެއިންވެސް ފާހަގަކޮށްލެވޭ ފަދަ ޚާއްސަކަމަކާއި މުއްސަނދިކަމެއް ލިބިފައިވާ ގައުމެއް ރާއްޖެއަކީ. ދިވެހިރާއްޖޭގެ ފަރުގެ ނިޒާމަކީ، ދިވެހިރާއްޖޭގެ ރަށްތައް ގުދުރަތީ އެކިއެކި ކާރިސާތަކުން ހިމާޔަތްކޮށްދިނުމުގައި އެންމެ ބޮޑަށް އެހީވާ ގުދުރަތީ ނިޒާމުކަމުގައިވާއިރު މި ފަރުތަކުގެ ދިފާއުގައި އަޅުގަނޑުމެން އެންމެން ނިކުންނަންޖެހޭ." ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވިއެވެ.

ދުނިޔޭގެ ބައޯޑައިވަރސިޓީ ދުވަހުގެ މުނާސަބަތުގައި އެންވާރަމެންޓް މިނިސްޓްރީއިންވަނީ ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. އެގޮތުން ދާއިރާގެ ތަޖުރިބާކާރުންނާއިއެކު ތިމާވެށި ރައްކާތެރިކުރުމަށް ހުރި ހުރަސްތަށް ނައްތާލުމާއި ބެހޭގޮތުން ވަނީ މަޝްވަރާވެސްކޮށްފައެވެ.