ޚަބަރު

ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުވަންދެން ބައެއް ވަގުތުތަކުގައި އައްޑޫ ސިޓީން ކަރަންޓް ކެނޑޭނެ- ފެނަކަ


އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރަމުން އަންނަ ޖަނަރޭޓަރަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ބައެއް ވަގުތުތަކުގައި އެ ސިޓީން ކަރަންޓް ކެނޑެމުންދާނެ ކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކައިން ބުނީ، އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރަމުން އަންނަ ދެ މެގަވޮޓްގެ ޖަނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މި މައްސަލަ ހައްލު ކުރެވެންދެން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 22:00 އާއި ހަމައަށް، އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުންދާނެކަމަށެވެ. އަދި މިގޮތައް ކަރަންޓް ކަނޑާފައި އޮންނާނީ ކޮންމެ ފަހަރަކު އެއް ގަޑި އިރަށް ކަމަށް ފެނަކައިން ބުނެއެވެ.

ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުވަންދެން ކަރަންޓް ބޭނުންކުރުމުގައި ސަމާލުވެ، މަތީ ކަރަންޓް ބޭނުންކުރާ ކަރަންޓް ސާމާނު ވީހާވެސް މަދުން ބޭނުންކުރުމަށް ފެނަކައިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މި މައްސަލަ ވީހާވެސް އަވަހަކަށް ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ފެނަކައިން ބުނެއެވެ.