ތަޢުލީމު

ތަޢުލީމާ ބެހޭ ވަޒީރު ތ. އަތޮޅުގެ ސްކޫލްތަކަށް


ތައުލީމާބެހޭ ވަޒީރު
ޑރ. އައިޝަތު ޝިހާމް ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލްތަކުގެ ހާލަތު
ބައްލަވާލައްވެމުގެ ގޮތުން ކުރައްވާ ދަތުރު ފުޅުގައި ތ. އަތޮޅަށް ވަޑައިގެންފިއެވެ.




ބުދަ ދުވަހު މިނިސްޓަރ
ވަޑައިގެންފައިވަނީ ތ. އަތޮޅުގެ 4 ރަށަކަށެވެ. އެއީ، ތިމަރަފުއްޓާއި، އޮމަދޫ އާއި،
ވޭމަންޑޫގެ އިތުރުން ކިނބިދޫއެވެ. މި 4 ރަށުގެ ސްކޫލްތަކަށް ޒިޔާރަތްކޮށް
އެތަންތަނުގެ ހާލަތު މިނިސްޓަރ ވަނީ ބައްލަވާލައްވާފައެވެ. އަދި ސްކޫލްތަކުގެ
މެނޭޖްމަންޓާއި، ޕީޓީއޭގެ އިތުރުން ސްކޫލް ބޯޑު މެންބަރުންނާ އެޑިޔުކޭޝަން
މިނިސްޓަރ ބައްދަލުކުރައްވާ އެ ސްކޫލުތަކުގެ ހިންގުމުގައި ހުރި ދަތިތަކާއި
ހައްލުކުރެވެން ހުރި ކަންކަމާމެދު މަޝްވަރާ ކުރައްވާފައިވެއެވެ.



މީގެ އިތުރުން
މިނިސްޓަރ ވަނީ ސްކޫލުތަކުން ނެރެމުންދާ ނަތީޖާތައް އިތުރަށް ރަނގަޅު ކުރެވިދާނެ
ކަންތަކާއި އަދި އެޑިޔުކޭޝަން މިނިސްޓްރީން ފަށާފައިވާ ބައެއް ޕްރޮގްރާމްތަކާއި
ގުޅޭ މައުލޫމާތު ސްކޫލްތަކުގެ އިސްވެރިންނާއި ޕީޓީއޭ އާއި ހިއްސާކުރައްވާފައެވެ.
އޭގެ ތެރޭގައި ދަސްވާރު ޕްރޮގްރާމާއި، މިދިޔަ އަހަރު އަލަށް ފަށާފައިވާ ބީޓެކް
ޕްރޮގްރާމާއި، ޓިވެޓް އޮތޯރިޓީން ހިންގަވަމުންދާ ކޯސްތަކާއި، ގުޅޭ ގޮތުން މަޢުލޫމާތު
ހިއްސާކޮށްފައިވެއެވެ. އަދި ބުރާސްފަތި ދުވަހު ވެސް ތ. އަތޮޅުގެ ބައެއް ރަށްތަކަށް މިނިސްޓަރ
ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓަރ ގެ މި ދަތުރު ފުޅުގައި ތ
އަތޮޅުގެ ހުރިހާރަށެއްގެ ސްކޫލްތަކަށް ޒިޔާރަތް ކުރުމަށް
ހަމަޖެހިފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއެވެ. އެޑިޔުކޭޝަން
މިނިސްޓަރ ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލްތަކުގެ ހާލަތު ބައްލަވާލައްވެމުގެ
ގޮތުން ކުރައްވާ ދަތުރު ފުޅުގައި އެންމެ ފަހުން ޒިޔާރަތް ކުރައްވާފައިވަނީ ރ.
އަތޮޅަށެވެ.